މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސްކަމުގެ މަޤާމުން ހިސާން ޙުސައިން އިސްތިއުފާ ދެއްވައި، އެކަމާ ގުޅޭ ސިޓީ ބުރާސްފަތި ދުވަހު ޕާޓީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދަށް ހުށަހަޅުއްވައިފިއެވެ.
ހިސާން އެމްޑީޕީގެ ނައިބު ރައީސްކަމުގެ މަޤާމަށް އައްޔަންކުރެވުނީ، އޭރު އެ މަޤާމުގައި ހުންނެވި މުޙައްމަދު ޝިފާޒް އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން 2024 ވަނަ އަހަރުގެ ޖުލައި މަހުގައެވެ.
ހިސާން ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ، އެމްޑީޕީގެ މިހާރުގެ އަސާސީ ޤަވާޢިދު ބުނާ ގޮތުން ނައިބު ރައީސްގެ މަޤާމަކީ ޕާޓީގެ އާންމު މެންބަރުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ މަޤާމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ ޕާޓީގެ ރައީސްގެ ލަފާގެ މަތިން ޤައުމީ މަޖިލީހުން އައްޔަންކުރާ މަޤާމެކެވެ.
އެހެންކަމުން، އެކަމަނާގެ މަޤާމާއި މެންޑޭޓަކީ އެ މަޤާމަށް އެކަމަނާ ނޮމިނޭޓް ކުރެއްވި ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ދައުރާ ގުޅިފައިވާ ކަމެއް ކަމަށް ހިސާން ފާހަގަކުރެއްވިއެވެ.
ޢަބްދުﷲ ޝާހިދު އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގައި، އައު މެންޑޭޓެއް ނެތި އެ މަޤާމުގައި ދެމިހުރުމަކީ ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތްވާނެ ކަމެއް ނޫން ކަމަށްވެސް ހިސާން ވިދާޅުވިއެވެ. ނަމަވެސް، ޕާޓީގެ އާންމު މެންބަރެއްގެ ގޮތުގައި އެމްޑީޕީއަށް އަބަދުވެސް ޚިދުމަތްކޮށްދެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން ޕާޓީގެ ލީޑަރޝިޕަށާއި މެންބަރުންނަށް ހިސާން ވަނީ ދެއްވާފައެވެ.


