Wednesday, 26 August 2026

ޓެރަރިޒަމް ލިސްޓުން ސީރިއާ އުނިކުރުމަށް އެމެރިކާއިން ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާ ކިޔައިފި

ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމަށް އެމެރިކާއިން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއަން އަރަބް ރިޕަބްލިކް އުނިކުރުމަށް އެމެރިކާއިން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނި ގޮތުގައި، އެމެރިކާގެ އެ ނިންމުމަކީ ހަނގުރާމައަ ށްފަހު ސީރިއާ އަލުން އާރާސްތުކުރުމަށާއި، އިގްތިސާދު ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެ ބޮޑު ބާރެކެވެ. އަދި މީގެ ސަބަބުން ސީރިއާގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ދިރިއުޅުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރާއްޖެއިން އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ.

މީގެއިތުރުން، ސީރިއާގެ ރައްޔިތުންނަށް ސުލްހަޔާއި، ހަމަޖެހުމާއި ފާގަތިކަމަށް ރާއްޖެއިން އެދޭކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ދިވެހި ސަރުކާރުން އިތުރަށް ހާމަކުރި ގޮތުގައި، ސީރިއާގެ އިސްތިގުލާލާއި، މިނިވަންކަމާއި، ސަރަހައްދީ ފުރިހަމަކަމަށް ރާއްޖެއިން އަބަދު ވެސް ތާއީދުކުރާނެއެވެ.

އެމެރިކާގެ ލިސްޓުން ސީރިއާ އުނިކުރީ އިއްޔެ އެވެ. ސީރިއާ ނަން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓްގައި އޮންނަނީ 1979 އިން ފެށިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *