Wednesday, 26 August 2026

ޣައްޒާއާ ގުޅޭ އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފި

ޣައްޒާގެ ހަނގުރާމައާ ގުޅޭގޮތުންނާއި، އދ. ގެ ސެކިއުރިޓީ ކައުންސިލުން ތާއީދުކޮށްފައިވާ ސުލްޙައިގެ ރޯޑްމެޕް ތަންފީޒުކުރުމާ ގުޅޭގޮތުން ބާއްވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ފުރާވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު އިރުތިޝާމް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ދިވެހިރާއްޖެއިން ކުރާ ތާއީދު އަލުން ކަށަވަރުކޮށްދެއްވާނެއެވެ. އަދި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޢަމަލުތަކާއި ޤާނޫނާ ޚިލާފު ކަންކަމަށް ޒިންމާދާރުކުރުވުމަށް ގޮވާލައްވާނެއެވެ. މީގެ އިތުރުން ސުލްޙައިގެ ރޯޑްމެޕަށް ތާއީދުކުރުމަށާއި، އެކަން ތަންފީޒުކުރުމަށް ހުރަސްއަޅާ ކަންކަމާ ދެކޮޅަށް މަސައްކަތްކުރުމަށް އޯއައިސީގެ މެންބަރު ޤައުމުތަކަށް ރާއްޖެއިން އިލްތިމާސްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދަނީ 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސް އަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަޤިއްލު ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށެވެ.

މި ބައްދަލުވުމުގައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވޭނެއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ޢަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ އެކު މިނިސްޓަރު އިރުތިޝާމް މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *