ރާއްޖޭގެ ޑޮލަރުގެ ކަޅު ބާޒާރުގައި ރިސޯޓު ކުންފުނިތަކާއި ކޮންސްޓްރަކްޝަން ވިޔަފާރިތަކުގެ އިތުރުން ބައެއް ސިޔާސީ ބޭފުޅުން ވެސް ބައިވެރިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ތުހުމަތުކުރައްވައި، ގާނޫނާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހުއްދަނެތި ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާ މެދު އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައެވެ. މިނިސްޓަރު ވިދާޅުވީ، ހުއްދަނެތި ބޭރު ފައިސާގެ މުއާމަލާތްތައް ކުރާ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 63 ފަރާތެއް ކަމާބެހޭ ފަރާތްތަކުން މިހާރު ދެނެގަނެފައިވާ ކަމަށެވެ.
ތަހުގީގަށް މިހާތަނަށް މައުލޫމާތު އެއްކުރެވުނު ހަތް ފަރާތަކުން ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި 76 މިލިއަން އެމެރިކާ ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާ ކަމަށް އިހުސާން ފާހަގަކުރެއްވިއެވެ.
ރިސޯޓުތަކާއި ކޮންސްޓްރަކްޝަން ދާއިރާގެ ބައިވެރިވުން
ހިންގި ތަހުގީގުތަކުން ރިސޯޓުތަކާއި ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރިތަކާއި ސިޔާސީ ދާއިރާގެ ބައެއް ބޭފުޅުންގެ ބައިވެރިވުން ވެސް ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެންމެ ރިސޯޓު ޗެއިނަކުން ވެސް ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 4 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ވިއްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ބައެއް ކޮންސްޓްރަކްޝަން ކުންފުނިތަކުން އެމީހުންގެ ވިޔަފާރިން ހޯދާ ޑޮލަރު ގަވާއިދާ ޚިލާފަށް ވިއްކަމުންދާ ކަމަށާއި، ކަޅު ބާޒާރުގެ އެކްސްޗޭންޖް ރޭޓަށް ނުފޫޒު ފޯރުވުމުގައި ބައެއް ސިޔާސީ ބޭފުޅުން ހަރަކާތްތެރިވާ ކަމަށް މިނިސްޓަރު ތުހުމަތުކުރެއްވިއެވެ. އަދި ބޭނުންވާ ހުއްދަތައް ނުނަގައި މަނީ އެކްސްޗޭންޖްގެ ޚިދުމަތް ދެމުންދާ ގިނަ ފަރާތްތަކެއް ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ފަށަނީ
ގާނޫނީ ގޮތުން ލައިސަންސް ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަނެތި ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ފާހަގަކުރައްވައި، ކުށްކޮށްގެން ހޯދާ ފައިސާ ވިޔަފާރިތަކާއި އަމިއްލަ މުއާމަލާތްތަކުގެ ތެރެއިން ދައުރުކުރުމަކީ، އެނގިގެން ނުވަތަ ނޭނގި ނަމަވެސް މަނީ ލޯންޑަރިންގ އަށް ވެދާނެ ކަމެއް ކަމަށް މިނިސްޓަރު އިންޒާރު ދެއްވިއެވެ.
ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާއިރު، ގާނޫނީ އިމުން ބޭރުން ހިންގާ މުއާމަލާތްތަކާ ދެކޮޅަށް އެމްއެމްއޭއިން ވެސް ފިޔަވަޅު އަޅާނެ ކަމަށް ބެލެވެއެވެ. ބޮޑެތި ގާނޫނީ ޚިލާފުވުންތަކަށް ކަމާބެހޭ ގާނޫނުތަކުގެ ދަށުން އަދަބު ދެވޭނެ ކަމަށާއި، ހުއްދަނެތި ޑޮލަރު ވިއްކުމުގައި ބައިވެރިވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
ގާނޫނުގައިވާ ގޮތުން ހުއްދަނެތި ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތައް 5،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.


