Friday, 11 September 2026

މާލޭގެ އެޕާޓްމަންޓެއްގައި ގޭސް ސިލިންޑަރެއް ގޮވައި، 4 ބިދޭސީއަކަށް އަނިޔާވެއްޖެ

މާލޭގެ ގެއެއްގެ އެޕާޓްމަންޓެއްގައި ގޭސް ސިލިންޑަރެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު ބިދޭސީއަކަށް އަނިޔާވެއްޖެއެވެ. މީގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ފަތިހު ގ. ދޫކާސްގޭ އެޕާޓްމަންޓެއްގައި ކަމަށާއި، މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 05:27 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްގެ ދެ މީހަކަށާއި އިންޑިއާގެ ދެ މީހަކަށެވެ.

އަނިޔާވި ހަތަރު މީހުންނަށް ވެސް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު، އެ މީހުންނަށް ލިބުނު އަނިޔާގެ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ވަގުތުން ހަރަކާތްތެރިވެ، ރިޕޯޓް ލިބުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ. އަދި ހާދިސާ ހިނގި ސަރަހައްދުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޓީމަކުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަސް ކޮޓަރި ހިމެނޭ އެ އެޕާޓްމަންޓުގައި ގާތްގަނޑަކަށް 15 މީހުން ދިރިއުޅެމުން ދިޔައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ހާދިސާއާ ގުޅޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *