Friday, 11 September 2026

އާ ވެޓް މާކެޓް އެޅުމަށް ލޯކަލް މާރުކޭޓު ވަގުތީ ތަނަކަށް ބަދަލުކުރަނީ

މާލޭގައި އަލަށް އިމާރާތްކުރާ މާލެ ވެޓް މާކެޓް ކޮމްޕްލެކްސްގެ މަސައްކަތް ފެށުމަށްޓަކައި، މިހާރުގެ ލޯކަލް މާރުކޭޓު ހުރި ބިން ހުސްކުރުމުގެ ގޮތުން އެއް މަސްދުވަހުގެ ތެރޭގައި ވަގުތީ މާރުކޭޓެއް ގާއިމުކޮށް ވިޔަފާރިވެރިން އެ ތަނަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްއިން ފަށައިފިއެވެ.

މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބު ވިދާޅުވީ، ވަގުތީ މާރުކޭޓު އެޅުމަށް ބަލަމުންދާ ތަންތަނުގެ ތެރޭގައި ކުރީގެ އެސްޓީއޯ ސައިޓާއި ތައިސޭކޮށި ހިމެނޭ ކަމަށެވެ.

މާލޭގެ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓު އެއް ފުރާޅެއްގެ ދަށަށް ގެނައުމަށްޓަކައި ތަރައްގީކުރާ މި އާ ކޮމްޕްލެކްސްގެ މަސައްކަތް މިދިޔަ މާޗު މަހު ހަވާލުކޮށްފައިވަނީ ޓްރަސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫއަކީ 126.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ޖުމްލަ 95،000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއްގައި އިމާރާތްކުރާ ހަ ބުރީގެ މި ކޮމްޕްލެކްސް އެއް އަހަރާއި އަށް މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ. މި އިމާރާތުގައި 455 މާރުކޭޓު ގޮޅި ހުންނައިރު، ބޭސްމަންޓުގައި 400 ސައިކަލު ޕާކުކުރެވޭނެ ޖާގަ ހިމެނެއެވެ. އަދި އެންމެ މަތީ ފަންގިފިލާ ހާއްސަކޮށްފައިވަނީ ކެފޭ އަދި ރެސްޓޯރަންޓް ފެސިލިޓީތަކާއެކު ފުޑް ކޯޓަކަށެވެ.

މި މަޝްރޫއަކީ މާރުކޭޓު ސަރަހައްދުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ބަނދަރުގެ ހާލަތު ރަނގަޅުކުރުމަށްފަހު، އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ޒަމާނީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *