ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތައް ކައިރީގައި ހަދާފައިވާ ގަސްކޮށިތައް ނަގައި، އެ ސަރަހައްދުތައް ހުސްކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައި، ފްލެޓްތައް ކައިރީގައި ނޯޓިސް ހަރުކުރަން ފަށައިފިއެވެ.
އެޗްޑީސީން އާންމުކޮށްފައިވާ ނޯޓިސްގައި ބަޔާންކޮށްފައިވަނީ، އަންނަ ހުކުރު ދުވަހުގެ ރޭ 23:59 ގެ ކުރިން އެ ސަރަހައްދުތަކުގައި ހުރި ގަސްކޮށިތައް ނަގައި ތަން ހުސްކުރުމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުނަގާ ތަކެއްޗަކީ ވެރިފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ތަކެތި ނަގައި އެ ސަރަހައްދު ސާފުކުރާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މީގެއިތުރުން، އެ މަސައްކަތުގެ ތެރޭގައި އެއްވެސް އެއްޗަކަށް ލިބޭ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށްވެސް އަންގާފައިވެއެވެ.
އެ ކޯޕަރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، ގަސްކޮށިތައް ނެގުމަށް އެންގި ނަމަވެސް، އެ ސަރަހައްދުތައް އެއްކޮށް ސާފުކޮށް ނިމުމުން، ވަކި ވައްތަރެއްގެ ގަސްތައް އިންދުމާއި ބެހެއްޓުމުގެ ހުއްދަ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ނަމަވެސް، މޫތައް ބޮޑު ސަރަހައްދަކަށް ފެތުރިގެން ގޮސް ފްލެޓް އިމާރާތްތަކަށް ގެއްލުން ލިބޭ ފަދަ ބޮޑެތި ގަސްތައް، ހާއްސަކޮށް ބަނބުކެޔޮ ގަސް ފަދަ ބާވަތްތަކުގެ ގަސް ފްލެޓްތައް ކައިރީ އިންދުމުގެ ހުއްދަ ނުދޭނެ ކަމަށްވެސް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.


