Friday, 11 September 2026
އިޒްރޭލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާ ސުންނާފަތިވެފައި - ފޮޓޯ: ލޮސްއެންެޖެލަސް ނިއުސް

ޣައްޒާގެ ހަނގުރާމަ ހުއްޓުވުމުގެ ޕްލޭނަށް އިސްރާއީލުން ދެކޮޅު ހެދި މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ޕްލޭން ފުރިހަމައަށް ތަންފީޒުކުރުމަށް އެކުލަވާލި ރޯޑްމެޕާ އިސްރާއީލުން ދެކޮޅު ހެދި މައްސަލަ ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން ނެރުނު ނޫސް ބަޔާނުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާ އިސްރާއީލުން ދެކޮޅު ހަދާ ދެކޮޅުހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިސްރާއީލުގެ މި ވިސްނުމަކީ ހަނގުރާމަ ހުއްޓުވައި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމެއް ކަމަށްވެސް ސަރުކާރުން ފާހަގަކުރިއެވެ.

އެކުވެރި ދައުލަތްތަކުގެ (ޔޫއެން) ސަލާމަތީ މަޖިލީހުގެ ގަރާރު ނަންބަރު 2803 އިން ތާއީދުކޮށްފައިވާ މި ރޯޑްމެޕް އެއްވެސް ލަސްކުރުމެއް ނެތި ފުރިހަމައަށް ތަންފީޒުކުރަންޖެހޭ ކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ. މީގެއިތުރުން ފަލަސްތީނުގެ ފަރާތުން މި ރޯޑްމެޕް ބަލައިގަތުމަށް ސައުދީ އަރަބިއްޔާ، ގަތަރު، މިސްރު، ތުރުކީ އަދި ބައިނަލްއަގުވާމީ އެހެން ބައިވެރިން ކުރި ޑިޕްލޮމެޓިކް މަސައްކަތްތަކަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ.

ސަރުކާރުން އިތުރަށް ބަޔާންކުރި ގޮތުގައި، ޣައްޒާގެ ހާލަތު ގޯސްވަމުންދާ މި ދަނޑިވަޅުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ސަލާމަތާއި ހަމަޖެހުން ގާއިމުކުރުމަށާއި، އަދި އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކަށް މި ރޯޑްމެޕް ތަންފީޒުކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި މި ޕްލޭނަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ މައްޗަށް ބިނާވެފައިވާ ދެމެހެއްޓެނިވި ސުލްހައަކަށް މަގުފަހިވާނެ ޕްލޭނަކަށް ވާންޖެހޭނެ ކަމަށްވެސް ބުންޏެވެ.

ރާއްޖެއިން ވަނީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި އިސްތިގުލާލީ ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ އަމިއްލަ އިހުތިޔާރުގެ ހައްގަށް ފުރިހަމައަށް ތާއީދުކުރާކަން އަލުން ތަކުރާރުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *