Monday, 27 July 2026
މާލޭގެ ބޮޑު ސްކްރީނެއް ކައިރީ ގިނަ އަދަދެއްގެ މީހުން ވޯލްޑްކަޕް މެޗު ބަލަނީ - ފޮޓޯ: މިހާރު

ވޯލްޑް ކަޕް ފައިނަލް މެޗު ބަލަން ނުކުމެ ވެސް އަމާންކަން ނަގާނުލަން އެދިއްޖެ

ވޯލްޑްކަޕް ފައިނަލުގައި މިރޭ އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ނުކުމެ ތިބޭ އިރު، އަމާންކަން ގެއްލިދާނެ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ، އެހެންމީހުންނަށް އުނދަގޫވާނޭ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދޭ ކަމަށެވެ.

މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށް ފުލުހުން އެދިފައިވެ އެވެ.

މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ފުލުހުން އިލްތިމާސްކުރި އެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެންމީހުންނަށް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންގެ ހައްގުތަކަށް އިސްކަންދޭން ވާނެ ކަމަށް ފުލުހުން ބުންޏެވެ.

ފީފާ ވޯލްޑް ކަޕް ފައިނަލް މެޗު މިރޭ އޮންނާނީ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރެވެ.

މި ފަހަރުގެ މުބާރާތް ފަހުގެ ޗެމްޕިއަން އާޖެންޓީނާ ކާމިޔާބުކޮށްފިނަމަ ވާނީ 1962ވަނަ އަހަރުގެ ފަހުން ގައުމަކުން ވޯލްޑް ކަޕް ތަށި އުފުލާލާނެ ފުރަތަމަ ފަހަރެވެ. އަދި އެ ވާނީ އާޖެންޓީނާގެ ހަތަރުވަނަ ތައްޓަށެވެ. ޔޫރޯ މުބާރާތުގެ އެންމެ ކާމިޔާބު ސްޕެއިން އަށް ވޯލްޑް ކަޕް ކާމިޔާބުކުރެވިފައިވަނީ ހަމައެކަނި 2010 ވަނަ އަހަރުގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *