Tuesday, 28 July 2026
ޕާކިސްތާން ޝެފް މުހައްމަދު އާބިދު

ހާންޖީ ރެސްޓޯރެންޓްގައި ބިދޭސީއަކު މަރާލި މައްސަލާގައި ޝެފް އާބިދުގެ މައްޗަށް ކުށް ސާބިތުވެއްޖެ

ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރެންޓްގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ މުވައްޒަފަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި، އެތަނުގެ ޕާކިސްތާން ޝެފް މުހައްމަދު އާބިދުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

މި މައްސަލައިގައި އާބިދު ވަނީ ބަންގްލަދޭޝް މީހާގެ ބޮލަށާއި މެޔަށް ވަޅިން ހަމަލާދީފަ އެވެ. ޝަރީއަތުގައި އާބިދު ދައުވާއަށް އިންކާރުކޮށް ބުނެފައިވަނީ އޭނާ ހަމަލާދިނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށާއި، އެ ވަގުތު އަތުގައި އޮތީ ވަޅިއެއްކަން ވެސް ނޭނގޭ ކަމަށެވެ.

މި މައްސަލަ ބެއްލެވި ގާޒީ އަހުމަދު ޝާފިއު ވިދާޅުވީ، އާބިދު ހިންގި އަމަލަކީ މީހެއްގެ ފުރާނަ ގޮސްދާނެ ފަދަ އަމަލެއްކަން އޭނާއަށް ތަސައްވުރު ކުރެވޭނެ ކަމަށެވެ. އަދި ހެކިންގެ ހެކިބަހަށް ބަލާއިރު އޭނާ ހަމަލާދީފައިވަނީ ރުޅިވެރިކަމާ އެކު ވަޅިއަކުންކަން އެނގޭ ކަމަށާއި، އަމިއްލަ ދިފާއުގައި ކުރި ކަމެއް ކަމަށް ބުނާ ބުނުމަކީ އޭނާ އަމިއްލައަށް އުފަންކުރުވި ވާހަކަތަކެއް ކަމަށް ބުރަވެވޭ ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި އެ މަންޒަރު ފެނުނު ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭއިރު، ދިފާއުގައި އާބިދުގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.

ކޯޓުން މިހާރު ނިންމާފައިވަނީ މަރުވި ބަންގްލަދޭޝް މީހާގެ ވާރިސުންގެ ބަސް ހޯދުމަށް ފަހު އާބިދުގެ މައްޗަށް އަދަބު ކަނޑައެޅުމަށެވެ. ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ނަމަ އޭނާއަށް މަރުގެ އަދަބު އިއްވާނެ އެވެ. ނަމަވެސް ވާރިސުން އެގޮތަށް ބޭނުން ނުވާ ނަމަ، އޭނާގެ މައްޗަށް އަންނާނީ ޖަލު ހުކުމަކާއި މަރުގެ ދިޔައިގެ އަދަބެވެ. މިއީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅި މައްސަލައެކެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *