ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ނިންމައި، އެ މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ. މިދިޔަ އޭޕްރިލް މަހު ފިނޭންސް މިނިސްޓްރީން ދިން އިރުޝާދާ އެއްގޮތަށް، ކުންފުނިތަކުގެ ހިންގުންތެރިކަން އިތުރުކޮށް މާލީ ގޮތުން ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމަށް ޕީސީބީން މިހާރު ވަނީ ކުންފުނިތަކަށް ސާކިއުލާއެއް ފޮނުވައިފައެވެ.
ޕީސީބީން ފޮނުވި ސާކިއުލާގައިވާ ގޮތުން، މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށްޓަކައި ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު އަދާހަމަ މައުލޫމާތު ފިނޭންސް މިނިސްޓްރީއަށާއި އެ ބޯޑަށް ހުށަހަޅަން ޖެހޭނެއެވެ. ޕީސީބީގެ އެންގުންތަކަށް އަމަލުކުރުމަކީ ގާނޫނީ ގޮތުން ކުންފުނިތަކަށް ލާޒިމުކަމެއްކަން ފާހަގަކޮށް، މި މަސައްކަތް ތަރުތީބުކޮށްފައިވާ ތާވަލާ އެއްގޮތަށް ނިންމުމަށް ވަނީ ބާރުއަޅައިފައެވެ.
މި ނިންމުމާ ގުޅިގެން ބައެއް ބޮޑެތި ކުންފުނިތަކުން މިހާރު ވެސް ވަނީ މުވައްޒަފުން އަމިއްލައަށް ވަކިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ފެނަކަ ކޯޕަރޭޝަނާއި އެޗްޑީސީ ހިމެނެއެވެ. މިއީ ދައުލަތުގެ ބަޖެޓުން ރިކަރަންޓް ޚަރަދަށް ކުރާ ބޮޑު ހޭދަ ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.
ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދައުލަތުގެ ޕޭރޯލްގައި ތިބުމަކީ އިގުތިސާދީ މާހިރުންގެ ކަންބޮޑުވުމެއް އޮތް ކަމަކަށް ވާއިރު، ސަރުކާރުން ދަނީ ކެބިނެޓުގެ ސައިޒު ކުޑަކޮށް ވުޒާރާތަކުގެ އަދަދު 20 އިން 15 އަށް މަދުކުރުން ފަދަ އިސްލާހީ ބަދަލުތައް ވެސް ގެންނަމުންނެވެ. މި ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކީ ގެއްލުމުގައި ހިންގާ ކުންފުނިތަކުގެ ބުރަ ދައުލަތުގެ ބަޖެޓުން ކުޑަކޮށް، އިގުތިސާދީ ހަމަޖެހުން ގާއިމުކުރުމެވެ.


