މާލެއަށް ދިމާވެފައިވާ ޕާކިންގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، މިއަހަރުގެ ތެރޭގައި މާލޭގައި މަދުވެގެން ދެ ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ސަރުކާރުން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި ޕާކިން ބިލްޑިންތަކުގެ މަސައްކަތް މިހާތަނަށް މަޑުޖެހިފައި އޮތީ ބޭރުގެ އެހީގައި އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށެވެ. ނަމަވެސް، އިތުރަށް މަޑުކުރުމުގެ ބަދަލުގައި މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް މިހާރު ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ޕާކިން ބިލްޑިން، މަދުވެގެން ދެ ބިލްޑިންއެއްގެ މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވިއެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ޕާކިންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ މާޗް މަހުގެ ތެރޭގައި ހުޅުމާލޭ ފޭސް 1 ގައި 13 ބުރީގެ ހަތަރު ޕާކިން ބިލްޑިން އެޅުމަށް ބެޗް ކޮންސްޓްރަކްޝަނާ ހަވާލުކޮށް، އެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި އިމާރާތްތަކަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މަޝްރޫއުތަކެކެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކުރާ މި ބިލްޑިންތަކުގައި ޓްރެފިކް ފްލޯއަށް ހާއްސަ އިސްކަމެއް ދިނުމުގެ އިތުރުން، ކޮމާޝަލް ސްޕޭސް ނުވަތަ ވިޔަފާރިތަކަށް ހާއްސަ ސަރަހައްދުތައް ހިމެނޭނެއެވެ. ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހަމައެކަނި މާލެއަށް ތަރައްގީ ޖަމާކުރުމުގެ ބަދަލުގައި، މުޅި ރާއްޖޭގައި ހަމަހަމަ ފުރުސަތުތަކެއް ގާއިމުކުރުން ކަމަށެވެ.


