ދުންހޮޅިއަކުން މިސްކިތަށް ދުމާއި ކައްކާ ވަސް ދާތީ މާލޭގެ ކުދީނާ ގޯޅީގައި ހުންނަ ފުޑް ބިސްޓްރޯ ނަމަކަށް ކިޔާ ކެފޭއެއް މާލޭ ސިޓީ ކައުންސިލުން ބަންދުކޮށްފި އެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި ކުދީނާގޯޅީގައި ހުންނަ ފުޑް ބިސްޓްރޯގެ ދުންހޮޅިން ޒިކުރާ މިސްކިތުގެ ތެރެއަށް ދުމާއި ވަސް އަންނާތީ، އެ ތަނުގެ ދުންހޮޅި ރަނގަޅު ކުރުމަށް ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ ފަރާތުން ގޮސް ތަކުރާރުކޮށް ނަސޭހަތް ދީފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެ ތަނުގެ ދުންހޮޅި މައްސަލަ ހައްލުނުކޮށް، މިއަދު ހުކުރު ނަމާދުގަޑީގައި ފުޑް ބިސްޓްރޯއިން ކައްކާ އެއްޗެހީގެ މިރުސްވަހާ ހުރެ ޒިކުރާ މިސްކިތުގައި ނަމާދަށް ތިއްބެވި ބޭފުޅުން ކޮށިއަރާވަރުން ނަމާދަށް ތިބެން އުނދަގޫވި ކަމަށް ސިޓީ ކައުންސިލުން ބުންޏެެވެ.
އެ ކަމާ ގުޅިގެން ހުށަހަޅުނު ޝަކުވާއާއެކު މިއަދުގެ ހުކުރު ނަމާދަށްފަހު މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ވަނީ ދުންހޮޅި މައްސަލަ ހައްލު ކުރެވެންދެން އެ ތަނުގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓުވުމަށްފަހު ތަން ބަންދުކޮށްފަ އެވެ.
މީގެ އިތުރުން ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓު މުވައްޒަފުން މި ތަނަށް ވަނުމުން މި ތަނުގައި ކައްކަން ތިބި ބިދޭސީންނާއި ޚިދުމަތް ހޯދަން އައިސް ތިބި ބިދޭސީންގެ ތެރެއިން ގިނަބަޔަކު ދުވެ ފިލާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.


