Tuesday, 28 July 2026

އައްޑޫ ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދަން ހާއްސަ ކުންފުންޏެއް އުފައްދައިފި

އައްޑޫ ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ހާއްސަ ކުންފުންޏެއް އުފައްދަވައިފިއެވެ.

ރައީސްއޮފީހުން މައުލޫމާތު ދިންގޮތުގައި މި ކުންފުނި އުފެއްދެވިކަން އިޢުލާންކުރައްވާފައިވަނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ނަންބަރު ޤަރާރު 12/2026 ގަރާރުންނެވެ.

މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަގުސަދަކީ :

• އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްޤީކުރުން

• އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރުން

• ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތްކުރުން

• ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން

• ހަންކެޑެ މަޝްރޫޢުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިޤްތިޞާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރިއަށްގެންދިއުން

އައްޑޫ ހަންކެޑެ މަޝްރޫއު ފަށާނެކަން އިއުލާނުކުރި ނަމަވެސް އަދި އޮތީ ނުފެށިފައެވެ. މިދިޔަ ސަރުކާރުންވެސް އައްޑޫ ހަންކެޑެ ތަރައްގީކުރުމަށް މަސައްކަތްތަކެއް ކޮށްފައިވެއެވެ. ހަންކެޑެ ފަރުމާކޮށްފައިވަނީ އިންޓަގްރޭޓެޑް މަންޒިލެއްގެ ގޮތުގައެވެ. މީގެ ތެރޭގައި ތަފާތު ބާވަތްތަކުގެ އެކޮމޮޑޭޝަންތަކާއި، މުނިފޫހިފިލުވުމުގެ މަރުކަޒުތަކާއި، ވިޔަފާރިކުރާ ސަރަހައްދުތަކުގެ އިތުރުން ވެލްނަސް ސެންޓަރުތަކާއި އާންމު ކެފޭ ރެސްޓޯރަންޓްތައް ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *