މި އަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ބޭރު ފައިސާގެ ރިޒާވް 686.8 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
މަރުކަޒީ ބޭންކުން އެންމެ ފަހުން އާންމުކުރި ރިޒާވް ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަސް ނިމުނުއިރު 704.8 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް ވަނީ އެއް މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 18 މިލިއަން ޑޮލަރު ދަށަށް ގޮސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 17.5 އިންސައްތައިގެ ދަށްވުމެކެވެ.
މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫސަބަލް ރިޒާވް ހުރީ 248.9 މިލިއަން ޑޮލަރުގައެވެ. މިއީ މިދިޔަ މޭ މަހާ އަޅާބަލާއިރު 11.9 މިލިއަން ޑޮލަރުގެ ދަށްވުމެއް ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު މިއީ ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 203 މިލިއަން ޑޮލަރެވެ.


