އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ސ.މަރަދޫ / އާލް ، އަޙްމަދު ޙާރިޝް (32އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހު 11 ވަނަ ދުވަހު އައްޑޫ ސިޓީ މަރަދޫ ގެއަކުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފަހުން ހައްޔަރުކުރަން ޖެހުނު މައްސަލައިގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވައްކަމުގެ އެހެން މައްސަލަތައް ވެސް ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި، ހާރިޝްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.


