ޖަޕާން ސަރުކާރުގެ "ޕްރޮޖެކްޓް ފޮ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް" (ޖޭޑީއެސް) ގެ ދަށުން 2026 ވަނަ އަހަރަށް ދިވެހިރާއްޖެއަށް ހިލޭ އެހީ ދީފިއެވެ.
މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 152 މިލިޔަން ޖަޕާނީސް ޔެން ނުވަތަ 1،020،134 (އެއް މިލިޔަން ވިހިހާސް ސަތޭކަ ތިރީސް ހަތަރު) ޑޮލަރު ދިނުމަށްވަނީ ނިންމާފައެވެ.
މި އެހީއާ ގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ސޮއިކޮށްފައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒްޝެރީނާ އަބްދުއްސަމަދު އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ
ޖަޕާން ސަރުކާރުގެ ފަރާތުން 2020 ވަނަ އަހަރުން ފެށިގެން ދެއްވަމުން ގެންދަވާ މިއެހީގެ ދަށުން، ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ލިބެއެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމުގެ މަޤްޞަދަކީ މުސްތަޤްބަލުގައި އިޖުތިިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުމުގައި ޝާމިލުވާނެ ޤާބިލު އަދި ޤައުމު އާރާސްތު ކުރުމުގައި މުހިއްމު ދައުރު އަދާ ކުރާނެ ދިވެހި ޒުވާނުން ބިނާކުރުންކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.
މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 17 ދަރިވަރަކު ތައުލީމު ހާސިލްކޮށްގެން ދަސްވެނިވެފައިވާއިރު، މިހާރުވެސް 9 ދަރިވަރަކު ޖަޕާނުގައި ދަނީ ކިޔަވަމުންނެވެ.


