މާލޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާ ކަމުގެ ތުހުމަތުގައި މ. ލޭންޑްއޮފްގާރޑްން ގޭގެ ބައެއް ތިން މަސް ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރާ ގުޅިގެން އެ ތަން ބަންދުކޮށްފައިމި މަހުގެ 13 އިން ފެށިގެން 11 އޮކްޓޯބަރުގެ ނިޔަލަށް ކަމަށެވެ. މިއީ މާލެ ސިޓީގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމަށް ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ބަންދުކުރެވުނު 6 ވަނަ ތަނެވެ. ފުލުހުން ދަނީ މިފަދަ އައްޑާތައް ނައްތާލުމަށް ބޮޑު އިސްކަމެއް ދީގެން އޮޕަރޭޝަންތައް ހިންގަމުންނެވެ.
ފާހަގަކުރެވޭ ގޮތުގައި މަސްތުވާތަކެތީގެ ޚިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ފުރަތަމަ އަމުރެއް ނެރުނީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ދުވަހު ހ. ގުންޒަރު ތިން މަސް ދުވަހަށް ބަންދުކުރުމަށް އަމުރެއް ނެރެފައެވެ. އޭގެ އިތުރުން ބަންދުކުރި އެ ތަންތަނަކީ:
- ހ. ގުންޒަރު: 6 މެއި 2026 އިން 3 އޮގަސްޓު 2026 އަށް
- މ. ތަރިވިލާގެ: 22 މެއި 2026 އިން 22 އޮގަސްޓު 2026 އަށް
- މ. އަމީރާމަންޒިލް (ބައެއް): 1 ޖޫން 2026 އިން 1 ސެޕްޓެމްބަރު 2026 އަށް
- މއ. ސެވަން އެންޑް ހައުސް: 11 ޖޫން 2026 އިން 9 ސެޕްޓެމްބަރު 2026 އަށް
- ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ 1 ކޮޓަރި): 25 ޖޫން 2026 އިން 24 ސެޕްޓެމްބަރު 2026 އަށް
ފުލުހުން ބުނީ، ކޯޓު އަމުރުގެ ދަށުން މި ތަންތަނަށް އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެ ނިކުތުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އެގޮތުން މި ތަންތަނަށް ހުއްދަނެތި ވަދެ ނިކުންނަ ފަރާތްތަކަށާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.


