Tuesday, 28 July 2026
ހއ. ހޯރަފުށީގައި ހުންނަ ހޯރަފުށީ ޖުވައިނަލް ހާފްވޭހައުސް -- ފޮޓޯ: ދަ އެޑިޝަން

ހޯރަފުށީ ޖުވައިނަލް ހާފްވޭހައުސްގައި ތިބި ކުދިންތަކެއް މީހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައެއް ފެންމަތިވެއްޖެ

ހއ. ހޯރަފުށީގައި ހުންނަ ހޯރަފުށީ ޖުވައިނަލް ހާފްވޭހައުސްގައި ބަލަހައްޓަމުންދާ ތިން ކުއްޖަކާއި، ގޮނޑުދޮށުގައި މަސް ބާނަން  ހުރި މީހަކާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު، އެ މީހާއަށް ހަމަލާދީ ބޮޑެތި އަނިޔާތަކެއް ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ. މި ހާދިސާ ހިނގާފައިވާކަން ފުލުހުންނާއި އެ ރަށުގެ ކައުންސިލުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހަމަލާގައި އަނިޔާވި މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ނަމަވެސް އޭނާގެ ހާލަތު ހުރި ގޮތުން، އިތުރު ފަރުވާއަށް ރަށުން ބޭރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. މީސްމީޑިއާގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، އަނިޔާވި މީހާ ހަމަލާއަށްފަހު ފަޅު ގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނު ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ކުދިން ތިބޭ މަރުކަޒު ކައިރިއަށް އެއްވެ، އެ މީހުންގެ ނުރުހުން ފާޅުކޮށް އިހުތިޖާޖުކޮށްފައެވެ. ރައްޔިތުން ގޮވާލަމުންދަނީ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ހުރިހާ ކަމެއް ވަރަށް ގާތުން ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *