Tuesday, 28 July 2026
ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު އިސްލާހުތަކާއެކު މަޖިލީހުން އަލުން ފާސްކޮށްފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު ތަސްދީގުނުކުރައްވައި، އަލުން ވިސްނާވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަނބުރާ ފޮނުއްވުމާ ގުޅިގެން، އެ ބިލު އިސްލާހުކޮށް ރައްޔިތުންގެ މަޖިލީހުން މިއަދު އަލުން ފާސްކޮށްފިއެވެ. މިދިޔަ މެއި މަހު ފާސްކުރި މި ބިލު އަނބުރާ ފޮނުއްވަމުން ރައީސް އޮފީހުން ވިދާޅުވީ، ބިލު ފާސްވެގެން އައިއިރު ގެނެވުނު ބަދަލުތަކުގެ ސަބަބުން އެ ތަންފީޒުކުރުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށް ފެންނާތީ މުރާޖައާކުރަން ޖެހޭ ކަމަށެވެ. މިއަދުގެ ޖަލްސާގައި މި ބިލު އަލުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ބިލަށް އަލުން ގެނައި ބަދަލުތަކުގެ ތެރޭގައި ގުނަވަން ހަދިޔާކުރެވޭނެ ފަރާތްތައް ބަޔާންކުރާ މާއްދާއަށް ބަދަލު ގެނައުމާއި، ބައެއް ކުށްތަކަށް ކަނޑައަޅާފައިވާ އަދަބުތައް ލުއިކުރުން ހިމެނެއެވެ. އެގޮތުން، ގަވައިދާ ހިލާފުވާ ފަރާތްތަކަށް ކުރިން ދޭން ކަނޑައެޅި 250,000 އާއި 500,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާ، މިހާރު ވަނީ 150,000 އާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ކުޑަކޮށްފައެވެ. އަދި ޖަލު ހުކުމުގެ މުއްދަތު ވެސް ވަނީ 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ބަދަލުކޮށްފައެވެ.

މި ބިލަކީ ރާއްޖޭގައި ރައްކާތެރިކަމާއެކު ގުނަވަން ބަދަލުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑެކެވެ. ބިލުގައިވާ ގޮތުން ގުނަވަން ހަދިޔާކުރެވޭނީ ހަމައެކަނި ބާލިޣުވެފައިވާ ދިވެހިންނަށް އަމިއްލަ އިހުތިޔާރުގައެވެ. ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ގައިދީންގެ ގުނަވަން ހަދިޔާކުރުމަކީ މަނާކަމެކެވެ. މީގެ އިތުރުން ގުނަވަން ވިއްކުމާއި، ގަތުމާއި، އަދި ރުހުމަކާ ނުލައި ގުނަވަން ނެގުމަކީ ބޮޑު ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި "ގުނަވަން ޓްރާންސްޕްލާންޓް ކައުންސިލް" އަދި "އޮތޮރައިޒޭޝަން ކޮމިޓީ" ގެ ނަމުގައި ދެ މުއައްސަސާއެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. ކައުންސިލުން ހިދުމަތުގެ މިންގަނޑުތައް ކަނޑައަޅައި މޮނިޓަރުކުރާއިރު، އޮތޮރައިޒޭޝަން ކޮމިޓީން ކޮންމެ ކޭސްއަކަށް ވަކިން ހުއްދަ ދޭނެއެވެ. ޓްރާންސްޕްލާންޓް ކުރުމުގެ ކުރިން ސިއްހީ އަދި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ކަށަވަރުކުރުމަކީ މި ބިލުގެ ދަށުން މަޖުބޫރު ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *