Tuesday, 28 July 2026
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: މަޖިލިސް

މަސް ގަންނަން މިފްކޯއަށް ސަބްސިޑީ ދިނުން ސަރުކާރުން ހުއްޓާލައިފި

މަސް ގަތުމަށްޓަކައި މިފްކޯއަށް ސަރުކާރުން ދެމުން އައި ސަބްސިޑީ މިހާރު އެއްކޮށް ހުއްޓާލާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިފްކޯއަކީ އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގާ ކުންފުންޏަކަށް ހެދުން ކަމަށާއި، މިހާރު މަސް ގަންނަން އެ ކުންފުންޏަށް ދައުލަތުން އެއްވެސް ފައިސާއެއް ނުދޭ ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ސިޔާސީ ބޭނުމަށް މަހުގެ އަގު ބޮޑުކުރުމުން، ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ މަގުން އަހަރަކު 1.1 ބިލިއަން ރުފިޔާ ސަބްސިޑީއަށް ހޭދަކުރަން ޖެހުނެވެ. މިފަދަ ބޮޑު ޚަރަދެއް ކުރުމުގެ ބަދަލުގައި، މި ސަރުކާރުން އިސްކަންދެނީ މަސްވެރިކަމުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް، ފެކްޓްރީތައް ގާއިމްކުރުމަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މީގެ ސަބަބުން ޕްރައިވެޓް ސެކްޓަރަށް ވެސް ވިޔަފާރީގެ ހަމަހަމަ މާހައުލެއް އުފެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ފ. ނިލަންދޫ އާއި ގދ. ފިޔޯރީގައި މަސް ޕްރޮސެސިން ފެސިލިޓީތައް ގާއިމްކުރުމުގެ އިތުރުން ފެލިވަރުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދުވާލަކު މަސް ބަންދުކުރެވޭ މިންވަރު 300 ޓަނަށް އިތުރުކޮށް، އެކްސްޕޯޓުން ލިބޭ އާމްދަނީ އިތުރުކުރުމެވެ.

ސަބްސިޑީ ނިޒާމަށް ގެނެވުނު މި ބަދަލާއެކު، ދެމެހެއްޓެނިވި ގޮތެއްގައި މިފްކޯ ހިންގޭނެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ޔަގީންކަން ދެއްވި އެވެ. މި އިސްލާހީ ބަދަލުތަކުގެ ސަބަބުން ދިގު މުއްދަތުގައި މަސްވެރިންގެ ޖީބަށް ލިބޭ އާމްދަނީ ވެސް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *