ރައީސް ޑރ. މުހައްމަދު މުއިއްޒު ، ގަތަރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާ ބައްދަލު ކުރައްވައިފި އެވެ.
ރައީސް ގަތަރުގެ އަމީރުއާ ބައްދަލު ކުރެއްވީ މިހާރު ގަތަރަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ. ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު، ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައެވެ.
މި ބައްދަލުވުމުގައި ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ރައްޔިތުންގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ތަޢުޒިޔާ ވިދާޅުވެފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އަދި އެ ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުމާ މެދު މަޝްވަރާކުރައްވައި، އެ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޔަގީންކަން ދެއްވާފަ އެވެ.
ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ވަނީ ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މީގެ ތެރޭގައި، ޤަޠަރު އެއަރވޭޒް ރާއްޖެއަށް އޮޕަރޭޓްކުރަން ފެށުމާއި، ހައްދުންމަތީގައި ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލު ޤާއިމުކުރުމާއި، ހުޅުމާލޭގައި މަސްޖިދުއްޝައިޚް ޤާސިމް ބިން އަލް ޘާނީ ބިނާކުރުން ހިމެނެއެވެ.


