ނުރައްކާތެރި ކެމިކަލްގެ ބާވަތްތައް އެތެރެކޮށް، ގުދަންކޮށް ވިއްކާ ފަރާތްތަކުން ޑިފެންސް މިނިސްޓްރީން ނަގަންޖެހޭ ހުއްދަ ނުނަގައި އެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ، އެ ހުއްދަ ހޯދުމަށް އެއް މަސް ދުވަހުގެ މުއްދަތެއް އެ މިނިސްޓްރީން ދީފިއެވެ. މިނިސްޓްރީން ބުނީ ސަލާމަތީ ކަންކަން ކަށަވަރު ނުވާ ތަންތަނުގައި ކެމިކަލް ގެންގުޅުމަކީ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މަގުފަހިވާ ކަމެއް ކަމަށެވެ.
ކެމިކަލް ވިއްކުމުގެ ހުއްދަ ދޫކުރާނީ 'މަކުޑި' ޕޯޓަލްގައި ރަޖިސްޓަރީ ކުރުމުން، އެ ތަންތަން އިންސްޕެކްޓް ކުރުމަށް ފަހުގައެވެ. މި ހުއްދަ ދޫކުރާނީ ރައްކާތެރިކަމާއެކު ކެމިކަލް އުފުލުމާއި، ގެންގުޅުމާއި އަދި ބެހެއްޓުމުގެ އިންތިޒާމްތައް ފުރިހަމައަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ދީފައިވާ މުއްދަތުގައި ހުއްދަ ނުނަގައި ކެމިކަލް ވިއްކާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މިނިސްޓްރީން ވަނީ ދީފައެވެ.
މާލޭގައި މީގެ ކުރިން ހިނގާފައިވާ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގައި ކެމިކަލް ގުދަންތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، މީހުންގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ. މިގޮތުން 2019 ވަނަ އަހަރު ހެންވޭރުގައި ހިނގި ހާދިސާއަށް ފަހު، މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މި ފިޔަވަޅުތަކަކީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅާ މުހިންމު ފިޔަވަޅުތަކެކެވެ.
ޑިފެންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި މިހާރު ވެސް ކެމިކަލް ގުދަންކުރާ 144 ތަނަކާއި، ކެމިކަލް ވިއްކާ 62 ފިހާރައެއް އެބަހުއްޓެވެ.


