އެކި ފަހަރުމަތިން ތަކުރާރުކޮށް އެންގުމުން ވެސް މައުލޫމާތު ނުދޭނަން ފާހަގަކޮށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޖޫރިމަނާކޮށްފި އެވެ.
އައިކޮމުން މި ގޮތަށް ނިންމީ ރާއްޖެ ޓީވީން މައުލުމާތު ހޯދުމަށް ހުށަހެޅި ފަސް އާރުޓީއައި (ރައިޓް ޓު އިންފޮމޭޝަން ރިކުއެސްޓް)އަކަށް މައުލޫމާތު ނުދިން މައްސަލައެއްގަ އެވެ.
އައިކޮމުން އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ އެ އަމަލަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއެޅުން ކަމަށް ބެލެވޭ ކަމަށެވެ.
މައުލޫމާތު ހޯދައިދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ މައްޗަށް ގާނޫނުން މަތިކޮށްފައިވާ އެ ވާޖިބަށް ހުރަސްއަޅާ ނަމަ ޖޫރިމަނާ ކުރުމުގެ ބާރު ގާނޫނުން ދީފައިވެ އެވެ.
މައުލޫމާތު ހޯދައިދިނުމާއި ލިބިގަތުމުގެ ގާނޫނާ ހަވާލާދެއްވުމަށްފަހު އާހިދު ވިދާޅުވީ ރައީސް އޮފީސް 2,000 ރުފިޔާ އިން ޖޫރިމަނާކުރުމަށެވެ. ކުރިއަށް އޮތް ތަނުގައި އެންގުންތަކަށް އަމަލުކުރުމަށް ވެސް އާހިދު އެންގެވި އެވެ.


