Tuesday, 28 July 2026
މަޖިލީހުގެ ޖަލްސާގައި އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް -- ފޮޓޯ: މަޖިލިސް

ލ. ހިތަދޫ ކޯޒްވޭގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދަށް ނިމޭނެ: މިނިސްޓަރު މުއްޠަލިބް

ލ. ހިތަދޫ ކޯޒްވޭގައި ހިމެނޭ މަގުގެ މަސައްކަތް ނިންމައި، 2028 ވަނަ އަހަރުގެ މެދާ ހިސާބަށް އާންމުންނަށް ބޭނުންކުރެވޭވަރު ވާނެ ކަމަށް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 20 އޮކްޓޯބަރު 2025 ގައި ކަމަށާއި، މިއީ 500 ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ މަޝްރޫއެއް ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ޖެނުއަރީ 2023 ގައި ސޮއިކުރި ނަމަވެސް، އޭރު ފެށި ސާވޭތަކާއި ބޯހޯލްގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވަނީ ވަރަށް ލަސް ދުވެއްޔެއްގައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަނާއި ޑިޒައިަނަށް ގެންނަންޖެހޭ ބަދަލުތައް ފުރިހަމަކޮށް، މަޝްރޫއުގެ އަމަލީ މަސައްކަތް ހަލުވިކޮށްފައެވެ. މިހާރު ކުރިއަށްދަނީ ބްރިޖުގެ މަސައްކަތަށް ބޭނުންވާ އެލްބްލޮކްތައް ކާސްޓްކުރުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ދައުރު ނިމެން ކައިރިވެފައި ވަނިކޮށް 40 ބިލިއަން ރުފިޔާގެ މަޝްރޫއުތަކުގައި ސޮއިކޮށްފައިވުމުން މާލީ ގޮތުން ދަތިތަކެއް ހުރި ކަމަށެވެ.

"ސަރުކާރުން އެދޭހާ ބާރުމިނުގައި މަސައްކަތް ނުދޭ. ދައުލަތުގައި ހުރި ފައިސާއިން ކުރީ ސަރުކާރުގެ މަޝްރޫއުތަކާއި އައު މަޝްރޫއުތައް ޝެޑިއުލްކޮށްގެން ކުރިއަށް މި ގެންދަނީ،" މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން ހުރިހާ މަޝްރޫއެއްވެސް ނިންމޭނެ ފަދަ ތާވަލެއްގެ ދަށުން މަސައްކަތްތައް ރޭވުމަށް އިސްކަންދޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖުމްލަ 81 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއުގެ ދަށުން 390 މީޓަރުގެ ރިވެޓްމެންޓަކާއި، 157.5 މީޓަރުގެ ދިގު ދެ ބްރިޖްގެ އިތުރުން 714 މީޓަރުގެ ދިގު މަގެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިމުމުން ލ. އަތޮޅުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *