ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު ހެނދުނު ގަތަރަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
މިއީ ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، މިހާރުގެ އަމީރު އަލްޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީ އަށާއި ގަތަރުގެ ޝާހީ އާއިލާއަށް އިހުތިރާމް އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. ރައީސް މުއިއްޒުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ އިސް ވެރިންނާއި އިއްޒަތްތެރިން ވެސް މި ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ގަތަރަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރައީސް މުއިއްޒު ވަނީ މީގެ ކުރިން ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް، ޝައިޚް ޙަމަދުގެ ދުރު ވިސްނޭ ލީޑަޝިޕްގެ ދަށުން ގަތަރަށް ހޯއްދަވައިދެއްވި ކުރިއެރުންތައް ފާހަގަކުރައްވައި ތައުޒިޔާ ފޮނުއްވާފައެވެ.
ގަތަރުގެ "ފާދަރ އެމީރު" ގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ ޝައިޚް ހަމަދު ބިން ހަލީފާ އަލްޘާނީ އަވަހާރަވީ އުމުރުފުޅުން 74 އަހަރުގައެވެ. ގަތަރުގެ އަމީރީ ދީވާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނު އަވަހާރަވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އަވަހާރަވި ސަބަބެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.
އެމަނިކުފާނުގެ ކަށުނަމާދު އޮތީ އިއްޔެ މަގުރިބު ނަމާދަށްފަހު، ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އިމާމް މުހައްމަދު އިބްން އަބްދުލްވައްހާބް މިސްކިތުގައެވެ. ވަރަށް އާދައިގެ ގޮތަކަށް ބޭއްވުނު މި ޖަނާޒާގައި ޝާހީ އާއިލާގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ.
ގަތަރުގެ ކުރީގެ އަމީރު، އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަ އެއް ދުވަހަށް ބައިދަނޑިއަށް ތިރިކުރުމަށްވެސް ރައީސް ޑރ. މުއިއްޒު މިއަދު ވަނީ ނިންމަވާފައެވެ.


