ހއ. ބާރަށު ކައުންސިލުން ފާސްކުރި ބަޖެޓާއި އެ ކައުންސިލްގެ މާލީ ބަޔާންތަކުގައި ހިމަނާފައިވާ އަދަދުތަކާ ދެމެދު ބޮޑެތި ފަރަގުތަކެއް ހުރިކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ. އެ އޮފީހުން އާންމުކުރި 2022 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އާމްދަނީގެ ބަޖެޓުގައި 7.1 މިލިއަން ރުފިޔާގެ ފަރަގެއް ހުރިއިރު، ހަރަދުގެ ބަޖެޓުގައި 6.1 މިލިއަން ރުފިޔާގެ ފަރަގެއް ހުރިކަން ވަނީ ފާހަގަވެފައެވެ. މި ބަޔާންތަކުގެ ސައްހަކަން ކަށަވަރުނުވާތީ، އޮޑިޓާ ޖެނެރަލް ވަނީ އެ ބަޔާންތަކަށް "އެޑްވާސް އޮޕީނިއަން" އެއް ދެއްވާފައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކައުންސިލްގެ ރިކޯޑުތަކާއި ދައުލަތުގެ މާލީ ނިޒާމު "ވިޔަ މޮޑިއުލް" އާ ދެމެދު ހުރި ތަފާތުތަކެވެ. އެގޮތުން 2022 ވަނަ އަހަރު ލިބުނު ފައިސާގެ ގޮތުގައި ވިޔަ މޮޑިއުލްއިން ދައްކާ އަދަދާއި މާލީ ބަޔާނާ ދެމެދު 2.2 މިލިއަން ރުފިޔާގެ ފަރަގެއް ހުރިއިރު، ހަރަދުގެ ގޮތުގައި ހިމަނާފައިވާ އަދަދުތަކުގައި 625,365 ރުފިޔާގެ ފަރަގެއް ހުރިކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، އެ އަހަރު ނިމުނުއިރު ކައުންސިލްގެ ބޭންކް އެކައުންޓްތަކާއި ތިޖޫރީގައި 11.5 މިލިއަން ރުފިޔާ ހުރިކަމަށް ބޭންކް ސްޓޭޓްމަންޓްތަކުން ދެއްކި ނަމަވެސް، މާލީ ބަޔާނުގައި ހިމަނާފައި ވަނީ ނެގެޓިވް ބެލެންސެކެވެ. މިއީ މާލީ ބަޔާން ތައްޔާރުކުރުމުގައި ހަދާފައިވާ ބޮޑު ގޯހެއްގެ ގޮތުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން ކައުންސިލްގެ މާލީ ހިސާބުތަކުގެ އިތުބާރު ވަނީ ގެއްލިފައެވެ.
މި މައްސަލަތައް ހައްލުކުރުމުގެ ގޮތުން، ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ފިނޭންސް މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް މާލީ ބަޔާންތައް ތައްޔާރުކުރުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ. އަދި ކައުންސިލްގެ ހުރިހާ މާލީ މުއާމަލާތްތަކެއް ވިޔަ މޮޑިއުލް މެދުވެރިކޮށް ކުރުމަށާއި، ހިސާބުތައް ބެލެހެއްޓުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ބާރަށު ކައުންސިލަށް ވަނީ އިރުޝާދު ދީފައެވެ.


