ސަރުކާރުގެ ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމުގެ ތުހުމަތުގައި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޔަސީން މަގާމުން ވަކިކޮށްފިއެވެ. މިކަން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ސޯޝަލް މީޑިއާގައި މި މައްސަލަ ފެންމަތިވުމާއެކު ޔަސީން ފުރަތަމަ ސަސްޕެންޑު ކުރި ކަމަށެވެ. ނަމަވެސް، ވުޒާރާގެ އެތެރޭގެ ތަހުގީގުން އެ ތުހުމަތުތަކުގައި ހަގީގަތެއް ހުރިކަން ހާމަވުމާ ގުޅިގެން، މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ތަރުޖަމާނު އިތުރަށް ވިދާޅުވީ، ސަރުކާރުން ގެދޮރުވެރިކަމުގެ ކަންކަން ކުރިއަށް ގެންދާނީ ދެފުށް ފެންނަ ގޮތަކަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކޮރަޕްޝަނަށް "ޒީރޯ ޓޮލެރެންސް" ގެންގުޅުއްވާކަން ފާހަގަކުރައްވައި، ކޮންމެ މަގާމެއްގައި ހުރި މީހަކު ކަމުގައިވީ ނަމަވެސް ކޮރަޕްޝަންގެ މައްސަލައެއް ތުހުމަތު ކުރެވިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ އިދާރާއިން ވެސް މިހާރު ދަނީ ތަހުގީގެއް ހިންގަމުންނެވެ. ފުލުހުން ވިދާޅުވީ ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމުގެ ތުހުމަތުތައް ބަލަމުންދާ ކަމަށާއި، ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.


