ރާއްޖެއާއި އިންޑިއާގެ ސަރުކާރާ ދެމެދު ކުރެވުނު މަތީ ފަންތީގެ މަޝްވަރާތަކަށް މިހާރު އަމަލީ ގޮތުން ކުރިއެރުން ލިބެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ އިންޑިއާގެ ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ފިޗީ) އިން ބޭއްވި ރައުންޑްޓޭބަލް މަޝްވަރާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އަމިއްލަ ދާއިރާގެ އެއްބާރުލުން އިތުރުކުރުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މި ސެޝަނަކީ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން އިސްކަންދޭ ކަންކަން ކުރިއެރުވުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި ޚިޔާލު ބަދަލުކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަކީ ރާއްޖެއަށް ނުހަނު މުހިންމު ގުޅުމެއް ކަމަށެވެ.
މި ބައްދަލުވުން ބޭއްވިފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާތައް ފުޅާކޮށް، އައު ބައިވެރިން ހޯދުމަށާއި މިހާރު ހުރި ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ. މި މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް އައު ހިސާބަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.


