މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭންކްތަކަށް ދޫކުރާ ޑޮލަރު %25 އިތުރުކުރުމަށް އެ އޮތޯރިޓީން މިއަދު ނިންމައިފި އެވެ.
އެމްއެމްއޭން ބުނީ ބޭންކްތަކަށް ވިއްކާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް ނިންމީ، ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް އެކި ބޭނުންތަކަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމަށެވެ.
އެ ގޮތުން ނިންމީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަހު ކޮންމެ ހަފްތާއަކު ބޭންކްތަކަށް ޑޮލަރު ވިއްކާ މިންވަރު މިހާރަށްވުރެ ޖުމްލަކޮށް %25 އިތުރުކުރުމަށެވެ.
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭން ބުންޏެވެ.
މިއީ ބޭންކިން ނިޒާމުގެ ތެރޭގައި އޮތް ބޭރު ފައިސާގެ ދަތިކަން ކުޑަކުރުމަށާއި، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް މަރުކަޒީ ބޭންކުން އެޅި ވަގުތީ ފިޔަވަޅެއް ކަމަށް ވެސް އެމްއެމްއޭން ބުންޏެވެ.
2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު އެމްއެމްއޭއިން ވިޔަފާރިތަކަށް އަދި އާންމުންގެ އެކި ބޭނުންތަކަށް ބޭންކްތައް މެދުވެރިކޮށް ވިއްކާފައިވާ ބޭރުފައިސާ ވަނީ 2025 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %72 އިތުރުވެފަ އެވެ.
މި ގޮތުން ބޭރު ފައިސާގެ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެފައިވާ އެއް ދާއިރާއަކީ ބޭސްފަރުވާއާއި ތައުލީމަށް ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަށް ކަމަށް އެމްއެމްއޭން ބުންޏެވެ.
އެމް.އެމް.އޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2026 ވަނަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ބޭސްފަރުވާއަށާ ތައުލީމަށް ބޭންކުތައް މެދުވެރިކޮށް ވިއްކި ބޭރު ފައިސާގެ މިންވަރު ވަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %78 އިތުރުވެފަ އެވެ.
މީގެ އިތުރުން، ރާއްޖެއަށް ތެލާ، ކާޑު އަދި ބޭހާއި މެޑިކަލް އިކުއިޕްމަންޓް އެތެރެކުރުމަށް އެމް.އެމް.އޭ އިން ވިއްކި ބޭރު ފައިސާގެ އަދަދު ވަނީ މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު (2025 ގެ މިމުއްދަތާ އަޅާބަލާއިރު) %30 އިތުރުވެފަ އެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބޭރު ފައިސާ މާކެޓް ހަރުދަނާކުރުމަށް އިސްލާހީ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެމްއެމްްއޭން ބުންޏެވެ. އެ ގޮތުން ފާހަގަކުރި ކަންކަމަކީ، ބޭރުފައިސާގެ ގާނޫނު ތަންފީޒުކުރުމާއި ގަވާއިދުތަކަށް ގެނައި ބަދަލުތަކާއި، ބޭރު ފައިސާ މެނޭޖްކުރުން ހަރުދަނާކުރުމާއި، އަދި އިސްކަންދޭންޖެހޭ ކަންކަމަށް ބޭރު ފައިސާ ހޯދައިދިނުމުގައި ބޭންކުތަކާ ގުޅިގެން ކުރާ މަސައްކަތްތަކެވެ.


