ޖަޕާނުގެ އުތުރު އައްސޭރިއަށް މިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ނަމަވެސް އެ ގައުމުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނެފައިވަނީ މި ބިންހެލުމާ ގުޅިގެން ސުނާމީގެ ނުރައްކަލެއް ނެތް ކަމަށެވެ.
ޖަޕާން މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނި ގޮތުގައި، ރެކްޓަރ މިންގަނޑުން 6.9 ގެ ބާރުމިނުގައި އައި މި ބިންހެލުން އުފެދިފައިވަނީ އިވާޓޭގެ އިރުމަތީ އައްސޭރި ފަށުން ގާތްގަނޑަކަށް 50 ކިލޯމީޓަރު (30 މޭލު) އަޑިއަށެވެ. ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭއިން ވެސް މި ބިންހެލުމުގެ ބާރުމިނަކީ 6.9 ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މި ބިންހެލުން އައިސްފައިވަނީ ފާއިތުވި މަސްތަކުގައި ތަކުރާރުކޮށް ބާރުގަދަ ބިންހެލުންތައް އަންނަމުންދާ ސަރަހައްދަކަށެވެ. މީގެ ތެރޭގައި މިދިޔަ ޑިސެމްބަރު މަހު ހަފްތާއެއްގެ މުއްދަތަށް 'މެގާ-ކުއޭކް' އެޑްވައިޒަރީއެއް ނެރެން ޖެހުނު ބިންހެލުން ވެސް ހިމެނެއެވެ. މިއަދު ހެނދުނު މީހުން މަސައްކަތަށް ދާ ގަޑީގައި އައި މި ބިންހެލުމުގެ ލޮޅުން ވެރިރަށް ޓޯކިޔޯއަށް ވެސް ކޮންމެވެސް ވަރަކަށް އިހުސާސް ކުރެވުނެވެ.
ސަރުކާރުގެ ތަރުޖަމާނު މިނޯރޫ ކިހާރާ ވިދާޅުވި ގޮތުގައި، މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ނުވަތަ މުދަލަކަށް ގެއްލުންވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ބޮޑުވަޒީރު ސަނައޭ ތަކައިޗީ ވިދާޅުވީ ސަރުކާރުގެ ކުއްލި ހާލަތުގެ ޓީމުން އިސްކަންދެނީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ކަމަށާއި، އިތުރު ލޮޅުންތަކަށް ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ބިންހެލުމާ ގުޅިގެން އީސްޓް ޖަޕާން ރެއިލްވޭ ކުންފުނިން ވަނީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ބައެއް ބްލެޓް ޓްރެއިންތަކާއި ލޯކަލް ރޭލު ދަތުރުތައް މެދުކަނޑާލާފައެވެ. އަދި ފުކުޝީމާ ދައިޗީ ފަދަ ނިއުކްލިއާ ޕްލާންޓްތަކަށް މި ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޖަޕާނަކީ ދުނިޔޭގައި އެންމެ ގިނައިން ބިންހެލުން އަންނަ 'ޕެސިފިކް ރިންގް އޮފް ފަޔަރ' ސަރަހައްދުގައި އޮންނަ ގައުމެކެވެ. މި ބިންހެލުމާ ގުޅިގެން ބައެއް ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލި ނަމަވެސް، އާންމު ހާލަތު ބަދަލުނުވެ ދަތުރުފަތުރުގެ ކަންކަން ކުރިއަށްދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.


