ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ އެކި މައްސަލަތަކުގައި ހިމެނޭ ގިނަ އަދަދެއްގެ ބަނގުރާ މިއަދު ދޫނިދޫގައި ނައްތާލައިފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މިއަދު ނައްތާލާފައިވަނީ ފުލުހުންގެ ޚިދުމަތަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ތަކެއްޗާއި، ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެއްޗެވެ.
މިއަދު ނައްތާލި ތަކެތީގެ ތަފްސީލު ހާމަކުރަމުން ފުލުހުން ބުނީ، އޭގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ބަނގުރަލުގެ 364 ފުޅިއާއި، ޕެޓް ފުޅީގައި ހުރި 78 ފުޅި ބަނގުރަލުގެ އިތުރުން 25 ބަނގުރާ ދަޅު ކަމަށެވެ. މީގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި ހަތް އައިޓަމެއް ވެސް މިއަދު ވަނީ ނައްތާލާފައެވެ.
މި ތަކެއްޗަކީ ޖުމްލަ 13 އިންސިޑެންޓަކާއި ކޭސް ކުރެވިފައިވާ 21 މައްސަލައަކާ ގުޅުންހުރި ތަކެތި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިހުން ކުރިއަށް ގެންދިޔަ އެކި އޮޕަރޭޝަންތަކުގެ ތެރެއިންނެވެ.
ބަނގުރާ ނައްތާލުމުގެ މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި ހާއްސަކޮށް އެކުލަވައިލާފައިވާ ކޮމެޓީއެއްގެ ސީދާ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.


