މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ މަގާމަށް އައްޔަންކުރެއްވި ހަސަން ޒަރީރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ޒަރީރަށް ރުހުން ދިނުމަށް ފާސްކުރީ 49 މެންބަރުންގެ ވޯޓުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރަކު ނެތެވެ.
ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރެއްވުމާ ހަމައަށް ޒަރީރު ހުންނެވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގަ އެވެ. ކޮމިޝަނާ ޖެނެރަލްގެ މަގާމާ ހަވާލުވާން ދެން އޭނާ ހުންނެވީ، 2010އިން 2019ވަނަ އަހަރާ ހަމައަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމުގަ އެވެ. ޒަރީރަކީ އެސްޓީއޯ، ސްޓެލްކޯ، އެމްޕީއެލް ފަދަ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރުން ފިނޭންސް މިނިސްޓްރީގެ އެކި މަގާމުތައް ވެސް ފުރުއްވާފައިވާ ތަޖުރިބާކާރެކެވެ.
ޒަރީރަކީ މި ސަރުކާރުގެ ތިންވަނަ ފިނޭންސް މިނިސްޓަރެވެ.
އޭނާގެ ކުރިން ފިނޭންސް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު މި މަހުގެ އަށްވަނަ ދުވަހު ވަޒީރު ކަމުން އިސްތިއުފާ ދެއްވި އެވެ. ހަމަ އެ ދުވަހު ޒަރީރު މަގާމަށް އައްޔަންކުރެއްވި އެވެ.
މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރަކީ ޑރ. މުހައްމަދު ޝަފީގެވެ. އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ޒަމީރު މަގާމަށް އައްޔަން ކުރެއްވީ ސެޕްޓެމްބަރު 2024ގަ އެވެ. އެއީ ޝަފީގު އިސްތިއުފާ ދެއްވި ދުވަހެވެ.


