Tuesday, 28 July 2026

އިންޑިއާ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލެޕްޓޮޕްތަކެއް ހަދިޔާކޮށްފި

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލެޕްޓޮޕްތަކެއް މިއަދު ހަދިޔާކޮށްފިއެވެ. މި ތަކެތި ހަދިޔާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އިންޑިއާ ހައި ކޮމިޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި ލެޕްޓޮޕްތައް ހަދިޔާކޮށްފައިވަނީ މަޖިލީހުގެ ހަ މެންބަރެއްގެ ދާއިރާތަކުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުންނެވެ. މިއީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ ދަށުން، ޤާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެއް ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. އިންޑިއާގެ ފަރާތުން މަޖިލީހަށް މި ލެޕްޓޮޕްތައް ހަވާލުކޮށްދެއްވީ އިންޑިއާ ހައިކޮމޝަނަރު އެޗް.އީ ޝްރީ ޖީ. ބަލަސުބްރަމަނިއަން އެވެ. އަދި މި ލެޕްޓޮޕްތަކާއި ހަވާލުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މި އެހީގެ މައިގަނޑު މަޤްޞަދަކީ ދިވެހި ސަރުކާރުގެ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން" ތަޞައްވުރާ އެއްގޮތަށް، ޓެކްނޮލޮޖީގެ އެހީގައި ދާއިރާތަކުގެ ރައްޔިތުން ބާރުވެރިކުރުވުމެވެ. މީގެ ސަބަބުން މެންބަރުންގެ ދާއިރާތަކުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެއެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ މިއީ އެ ޤައުމުގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި ކުރިމަގުގައިވެސް މިފަދަ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމުގެ ޔަޤީންކަން އެ ފަރާތުން ވަނީ ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *