ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައި ވާތީ އަންނަ މަހުން ފެށިގެން ހިރިމަރަދޫ ކައުންސިލަށް ކަނޑައަޅާފައިވާ ބްލޮކް ގްރާންޓްގެ ފައިސާ ހަނިމާދޫ ކައުންސިލަށް ޖަމާކުރުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.
މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ހިރިމަރަދޫގެ ރައްޔިތުން ވޯޓު ލާފައި ވަނީ ވެސް ހަނިމާދޫ ކައުންސިލް އިންތިހާބު ކުރުމަށެވެ. ނަތީޖާއެއްގެ ގޮތުން ހިރިމަރަދޫ މީހުން އަދި ހަނިމާދޫއަށް ބަދަލު ނުވިއަސް ހިރިމަރަދޫގެ ކައުންސިލް ވަނީ އުވިފަ އެވެ.
އެހެން ނަމަވެސް މިދިޔަ މަހު ހަނިމާދޫ ކައުންސިލަށް ހިރިމަރަދޫ ކައުންސިލްގެ ގްރާންޓް ޖަމާވެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ހަނިމާދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައި ވެސް ވެ އެވެ.
އެލްޖީއޭ އިން ބުނީ އަންނަ މަހުން ފެށިގެން ހިރިމަރަދޫ ކައުންސިލްގެ ބަޖެޓް ހަނިމާދޫ ކައުންސިލަށް ޖަމާކުރާނެ ކަމަށެވެ.
ހަނިމާދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި ހިރިމަރަދޫގައި މި ވަގުތަށް ހަނިމާދޫ ކައުންސިލްގެ އޮފީހެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި އެ ތަނުން ރަށްވެހިކަމުގެ ހިދުމަތްތައް ފޯރުކޮށްދޭން 200,000އެއްހާ ރުފިޔާ މިދިޔަ މަހު ހަރަދު ކުރަން ޖެހުނީ ހަނިމާދޫ ކައުންސިލްގެ ބަޖެޓުން ކަމަށް އެ ކައުންސިލުން ބުންޏެވެ.
ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި އަޅާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް އަދި ކުރިއަކަށް ނުދެ އެވެ.


