Tuesday, 28 July 2026
ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުން -- ފޮޓޯ: ފުލުހުން

ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ތަންފީޒީ އިދާރާތަކުގެ ގުޅުން ބަދަހިކުރުމަށާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ޚިދުމަތާއި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިކަމަށް ހާއްސަކޮށް މިއަދު އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތުގައި، އެމެރިކާގެ ފަރާތުން ސޮއިކުރީ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓްގެ ދަށުން ހިންގާ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސް (އެޗް.އެސް.އައި) އިންނެވެ.

މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އެވެ. އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިންވެސްޓިގޭޝަންސްގެ ފަރާތުން ސޮއިކުރެއްވީ ރީޖަނަލް އެޓާޗޭ އާލް މަޓިއަ އެވެ. މި ރަސްމިއްޔާތުގައި ދެ މުއައްސަސާގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ބޯޑަރު ހުރަސްކޮށް ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމުގައި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ މެދުގައި މައުލޫމާތު ބަދަލުކުރުމާއި، އޮޕަރޭޝަނަލް ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ އިތުރުން މުހިންމު ދާއިރާތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *