އިދިކޮޅު އެމްޑީޕީން ލޯކަލް ކައުންސިލްތަކަށް މަޝްރޫއުތައް ހިންގުމުގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ޕާޓީގެ ސެކްރެޓޭރިއަޓްގައި ގާއިމުކުރި އޮފީހުގެ ހިންގުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއާ ހަވާލުކޮށްފި އެވެ.
އެމްޑީޕީގައި ޕްރޮޖެކްޓް އޮފީހެއް ގާއިމުކުރުމަކީ، ނިމިގެން ދިޔަ އެ ޕާޓީގެ ޗެއާޕާސަން އިންތިހާބުގައި މިހާރު އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ވައުދެކެވެ.
އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އިންޓަ ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް އޮފީސް ގާއިމުކޮށް، މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހިމް އާމިރު އެ ތަނުގެ ޑިރެކްޓަ ޖެނެރަލަކަށް އައްޔަންކޮށްފައިވާ ކަމަށެވެ.
ނަޝީދުގެ އެންމެ ބޮޑު ކެމްޕެއިން ވައުދަކަށް އޮތީ އެމްޑީޕީއަށް މެޖޯރިޓީ ލިބުނު ކައުންސިލްތަކުގެ ވައުދުތައް ފުއްދުމަށް ޕާޓީން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ގާނޫނުއަސާސީއާއި ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނާން ޖެހޭ ކަމަށް ބުނެ އެ ކަމަށް މަސައްކަތް ކުރުމެވެ.
އެ މަސައްކަތްތައް ހިންގުމަށް ބޮޑު ބަދަލު އޮފީސް ނަމުގައި ވެސް ޕާޓީގައި އޮފީހެއް މިހާރު ވަނީ ގާއިމުކޮށްފަ އެވެ. އެ އޮފީހުގެ ހިންގުން ހަވާލުކުރި ކުރީގެ މަޖިލިސް މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފެވެ.


