ރާއްޖޭގެ ގިނަ ރަށްތަކެއްގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށްޓަކައި، އިމާމުކަން ކުރުމުގެ ޚާއްޞަ އިމްތިޙާނަކާއި ހުއްދައެއް ތަޢާރަފްކުރުމަށް މަސައްކަތް ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރަށްރަށުގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތި ވަގުތީ އިމާމުން ތިބެންޖެހޭ މައްސަލަ ދިމާވަނީ މިސްކިތްތަކުގެ ޢަދަދު ގިނަވުމާއި، އިމާމުންގެ ވަޒީފާ އަދާކުރެވޭ ފެންވަރުގެ މީހުން ބައެއް ރަށްތަކުގައި މަދުވުމުގެ ސަބަބުން ކަމަށެވެ. މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް މިނިސްޓްރީން މިހާރު ދަނީ ތަފާތު މަޝްވަރާތަކެއް ކުރަމުންނެވެ.
މި މައްސަލައަށް އޮތް ޙައްލެއްގެ ގޮތުން، އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން އިމާމުކަމުގެ ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް، މިނިސްޓްރީން މި ދަނީ މަސައްކަތްކުރަމުން. މި މައްސަލަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ ޢަދަދު ގިނަވުމާއި އިމާމުންގެ…
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 22, 2026
ޝަހީމް ވިދާޅުވިގޮތުގައި އިމާމުކަމުގެ ކޯހެއް ފުރިހަމަކޮށްފައި ނެތް ނަމަވެސް، އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް މަގުފަހިކުރުމުގެ ގޮތުން މިނިސްޓްރީން ކަނޑައަޅާ މުޤައްރަރެއްގެ ދަށުން ކޮންމެ އަހަރަކު އިމާމުކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި އިމްތިޙާނުން ފާސްވާ ފަރާތްތަކަށް އިމާމުކަން ކުރުމުގެ ރަސްމީ ހުއްދައެއް ދޫކުރުމަށް މިނިސްޓްރީން މަޝްވަރާކުރަމުންދާކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
"މިނިސްޓްރީން ކަނޑާއަޅާ މިންވަރުގެ މުޤައްރަރެއް ކަނޑައަޅައި ޢާއްމުކޮށް އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ތަޢާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތަޢާރަފް ކުރުމަށް މިނިސްޓްރީން މިދަނީ މަޝްވަރާކުރަމުން،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ މަޝްވަރާކުރުމަށްފަހު، މި އާ އުޞޫލުގެ ދަށުން އަމަލުކުރަން ފަށާނެ ގޮތުގެ ތަފްޞީލު ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.


