Tuesday, 28 July 2026
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ އާންމު މަންފާއަށްޓަކައި ހިންގާނެ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތުތަކުގެ ދަށުން ކުރިއަށް ގެންދާނެ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މިކަމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2026/11 މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

މި ޤަރާރަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ނެރުއްވާފައިވާ ޤަރާރެކެވެ. އެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސަރުކާރުން ކަނޑައަޅާ މުހިންމު ސިޔާސަތުތަކުގެ ދަށުން ހިންގާ މަޝްރޫޢުތަކާއި އެ މަޝްރޫޢުތަކަށް އިންވެސްޓް ކުރަންޖެހޭ އެންމެ މަދު މިންވަރު ކޮންމެ އަހަރަކު ގެޒެޓުގައި ޝާއިޢުކުރަން ޖެހެއެވެ.

ސަރުކާރުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ސިޔާސަތުތަކުގެ ތެރެއިން ހިމެނޭ މި މަޝްރޫޢުތަކަކީ ޤައުމުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށްޓަކައި އިސްކަންދީގެން ހިންގުމަށް ނިންމާފައިވާ ކަންކަމެވެ. މީގެ ތެރޭގައި ސަރުކާރުން ކަނޑައަޅާ އެ ނޫންވެސް މުހިންމު ދާއިރާތަކުގެ މަޝްރޫޢުތައް ހިމެނުމުގެ ފުރުޞަތު އޮވެއެވެ.

މިއަދު ޝާއިޢުކުރި ޤަރާރުގެ ޖަދުވަލުގައި، ކަނޑައެޅިފައިވާ ސިޔާސަތުތަކުގެ ދަށުން ހިންގުމަށް ސަރުކާރުން ގަސްދުކުރާ މަޝްރޫޢުތަކުގެ ތަފްޞީލު ވަނީ ހިމަނާފައެވެ. މީގެ އިތުރުން، އެ މަޝްރޫޢުތައް ހަވާލުކުރެވޭ ފަރާތްތަކުން އެ މަސައްކަތަކަށް އެންމެ މަދުވެގެން އިންވެސްޓް ކުރަންޖެހޭނެ އަދަދުތައްވެސް ސަރުކާރުން ވަނީ ސާފުކޮށް ބަޔާންކޮށްފައެވެ.

މިފަދަ މަޝްރޫޢުތައް ކަނޑައެޅުމުގެ މައިގަނޑު މަޤްޞަދަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތެއްގައި އިންވެސްޓްމަންޓްތައް ގެނައުމާއި، ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ. މިއީ ޓޫރިޒަމް ދާއިރާގެ އިތުރުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު، ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢުތަކަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *