އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ހަލީމަތު ލަމްހާ އަބްދުއްރަހުމާނުގެ މައްޗަށް މިއަދު ކުށް ސާބިތުވެއްޖެ އެވެ.
ލަމްހާ އަކީ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ލޯބިވެރިޔާ ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ. އެ ތިން މީހުންނަކީ ވެސް އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރާ ނަރުހުންނެވެ.
މި މައްސަލާގައި މާވިންގެ މައްޗަށް ދައުވާކޮށްފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މިއަދު ކްރިމިނަލް ކޯޓުގައި ފުރަތަމަ ކުރިއަށް ގެންދިޔައީ އެ ބަ އެވެ. އަދި މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅި އެވެ.
ލަމްހާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން އައިޖީއެމްްއެޗްގެ ހުއްދައާ ނުލާ ނޫނީ ނުނެގޭނެ ބޭސްތަކެއް ނެގި ކަމުގެ ތުހުމަތުގައި އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ.
ކްރިމިނަލް ކޯޓުން ނިންމީ މި ތިން ދައުވާ ވެސް ލަމްހާގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެއީ ހަދިސާ ރިޕޯޓު އަދި މެޑިކަލް ރިޕޯޓުތަކުން މޭރީ މަރާލާފައިވާކަން ސާބިތުވާތީ އާއި ނޭވާ ހާސް ކޮށްލެވޭނެ ގޮތްތަކާއި ފިލިޕީންސްގައި ވަކިކުރުމަކީ ކަންކަމަށް ވުމުން އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް ގަބޫލުކޮށްގެން މާވިންއާ ދެމެދު ކޮށްފައިވާ މެސެޖުތަކެއް ކޮށްފައި ވާތީ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ކުށް ސާބިތުވާ ކަމަށް ނިންމި ނަމަވެސް އަދަބު ކަނޑައެޅުން އޮންނާނީ އަންނަ މަހުގަ އެވެ.


