Tuesday, 28 July 2026

އަނބިމީހާ މޭރީ މަރާލިކަން މާވިންގެ މައްޗަށް ދަށު ކޯޓުގައި ސާބިތުވެއްޖެ

އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް މިއަދު ކުށް ސާބިތުވެއްޖެ އެވެ.

މި މައްސަލާގައި މާވިންގެ މައްޗަށް ދައުވާކޮށްފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މާވިންގެ ލޯބިވެރިޔާ ކަމަށް ބުނާ ހަލީމަތު ލަމްހާ އަބްދުއްރަހުމާނުގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން އައިޖީއެމްްއެޗްގެ ހުއްދައާ ނުލާ ނޫނީ ނުނެގޭނެ ބޭސްތަކެއް ނެގި ކަމުގެ ތުހުމަތުގައި އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާ ވެސް ލަމްހާގެ މައްޗަށް ކުރެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ފުރަތަމަ ކުރިއަށް ދިޔައީ މާވިންގެ ބަ އެވެ. މާވިންގެ މައްޗަަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމީ މައްސަލައިގެ ހަދިސާ ރިޕޯޓު އަދި މެޑިކަލް ރިޕޯޓުތަކުން މޭރީ މަރާލާފައިވާކަން ސާބިތުވާތީ އާއި ނޭވާ ހާސްކުރެވޭނެ ގޮތްތައް މާވިންގެ ފޯނުން ސާޗުކޮށްފައިވާތީ އާއި ފިލިޕިންސްގައި ވަރިކުރުމަކީ މަނާ ކަމަކަށް ވާތީ، އެހެން ގޮތެއް ހޯދަން ޖެހޭ ކަމަށް ގަބޫލުކޮށްގެން ލަމްހާއާއި މާވިން ކޮށްފައިވާ މެސެޖުތަކުން އެނގެން އޮންނާތީ ކަމަށް ހުކުމްކޮށްފައިވެ އެވެ.

ކުށް ސާބިތުވުމުން އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމުން މާވިންގެ ވަކީލު އެދުނީ އިތުރު ފުރުސަތެއް ދިނުމަށެވެ. އެހެންވެގެން ގާޒީ ނިންމެވީ އަންނަ މަހުގެ ފުރަތަމަ ދުވަހު އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން އަޑުއެހުމެއް ބޭއްވުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *