Tuesday, 28 July 2026
މާފުށީ ޖަލު -- ފޮޓޯ: ދިޔަރެސް

ފުލުހުންނާ ގުޅިގެން މާފުށި ޖަލު ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މާފުށި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ. މި އޮޕަރޭޝަނަކީ ޖަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ހަރަކާތެކެވެ.

ކަރެކްޝަންސް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންގެ އެހީތެރިކަމާ އެކުގައެވެ. ނަމަވެސް، މިހާތަނަށް މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތެއް ނުވަތަ އޮޕަރޭޝަންގެ މައިގަނޑު މަގްސަދެއް އެ މުއައްސަސާއިން ހާމަކޮށްފައެއް ނުވެއެވެ.

ޖަލުތަކުގައި މަނާ ތަކެތި ގެންގުޅުމާއި، ޖަލުގައި ތިބެގެން ސްކޭމްގެ އަމަލުތައް ހިންގުމުގެ އިތުރުން ޓެރެރިޒަމަށް މަގުފަހިވާ ފަދަ ކަންކަން ކުރާކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް އެކި ފަހަރުމަތިން މާފުށި ޖަލުގައި ވަނީ މިފަދަ ބޮޑެތި އޮޕަރޭޝަންތައް ހިންގާފައެވެ. މިފަދަ އޮޕަރޭޝަންތަކުގައި އާންމުކޮށް ގިނަ އަދަދެއްގެ މަނާ ތަކެތި އަތުލައިގަނެއެވެ.

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މިގޮތުން ޖަލުތަކުގެ ޖާގަ އިތުރުކުރުމާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޖަލުތައް މޮނިޓަރ ކުރުމުގެ މަސައްކަތްތައް ދަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.

މި މަސައްކަތްތަކުގެ ދަށުން، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާފުށި ޖަލުގައި ވަނީ ފުރަތަމަ ފަހަރަށް ބޮޑީ ސްކޭން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ. މި ސްކޭނަރުގެ ހިދުމަތާއެކު ޖަލަށް މަނާ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ކަރެކްޝަންސް އިން އުންމީދު ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *