މި ސަރުކާރުން ދާދިފަހުން ބޮޑުކުރި ސިނގިރޭޓުގެ ޑިއުޓީ އަނބުރާ ކުޑަކުރުމަށްޓަކައި އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އިބްރާހީމެވެ.
މި އިސްލާހުގެ ދަށުން މިހާރު ސިނގިރޭޓަކުން ނަގަމުންދާ އަށް ރުފިޔާގެ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅާފައެވެ. މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައެވެ.
ސަރުކާރުން ހުށަހެޅި މި އިސްލާހުގައިވާ ގޮތުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ބަދަލުކޮށް، އެޑްވެލޮރަމް ޑިއުޓީ 30 އިންސައްތައަށް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.
މި ބަދަލުގެ މައިގަނޑު މަގުސަދަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށް އިގުތިޞާދީ ގޮތުން މަގުފަހިކޮށްދިނުން ކަމަށް ސަރުކާރުން ބުނެއެވެ.
މި އިސްލާހުގައި ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށް އެހީތެރިވެދޭ ވަސީލަތްތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ވަނީ ހިމަނާފައެވެ. އެގޮތުން ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި، އެފަދަ ތަކެތިން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކުރުމަށް ވަނީ ހުށަހަޅާފައެވެ. މިއީ ސިއްހީ ގޮތުން ފައިދާހުރި އުފެއްދުންތަކަށް އާންމުން ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމަށް އެޅި ފިޔަވަޅެއް ކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.
ނޮވެންބަރު 2024 ގައި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 ރުފިޔާއަށް އުފުލިފައެވެ.


