Tuesday, 28 July 2026
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމާ -- ފޮޓޯ: ބީބީސީ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވީ ސްޓާމާގެ ސިޔާސީ މުސްތަގުބަލާ މެދު ގިނަ ބަހުސްތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

އާދީއްތަ ދުވަހު ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޭއާ ސްޓާމާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން ޓްރަމްޕަށް މައުލޫމާތު ލިބިފައިވަނީ ކިހިނެއް ކަމެއް ނުވަތަ މިއީ ހަމައެކަނި އެމަނިކުފާނުގެ އަމިއްލަ ހިޔާލެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ޓްރަމްޕްގެ މި ވާހަކަތަކުގައި ސްޓާމާގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. ހާއްސަކޮށް ހިޖުރަވެރިންގެ މައްސަލައާއި ހަކަތައިގެ ސިޔާސަތުތަކުގައި ސްޓާމާ ފެއިލްވެފައިވާ ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.

"އޭނާ ވަނީ ވަރަށް މުހިންމު ދެ ދާއިރާއަކުން ނާކާމިޔާބުވެފައި – އެއީ އިމިގްރޭޝަން އަދި އެނާޖީ،" ޓްރަމްޕް ލިޔުއްވާފައިވެއެވެ.

މިކަމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ބުނެފައިވަނީ ސްޓާމާ ހުންނެވީ ގައުމަށް ހިދުމަތް ކުރުމުގެ މަސައްކަތުގައި ކަމަށެވެ. ނަމަވެސް، އިނގިރޭސިވިލާތުގެ ބިޒްނަސް ސެކްރެޓަރީ ޕީޓާ ކައިލް ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސްޓާމާ މި ހަފްތާ ބަންދުގައި ސިޔާސީ ހަގީގަތްތަކާ މެދު ވިސްނަވަމުންދާ ކަމަށާއި، އޭނާ ނިންމަވާނީ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހޯމަ ދުވަހުގެ ކުރިން ސްޓާމާ މަގާމުން ވަކިވާނެ ތާރީހެއް އިއުލާން ކުރެއްވުން އެކަށީގެންވެއެވެ. އަދި ސްޓާމާގެ ބަދަލުގައި އެ މަގާމަށް މެންޗެސްޓާގެ ކުރީގެ މޭޔަރު އެންޑީ ބާންހަމް އައުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *