ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ވޭޕް ކާޓްރިޖްތަކެއް ކަސްޓަމްސް ގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ކަސްޓަމުން މައުލޫމާތު ދިން ގޮތުގައި މި ވޭޕް ކާޓްރިޖްތައް ފެނުނީ މި މަހުގެ 20 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ކަނޑުމަގުން ރާއްޖެގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ހިލާފް ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން މާލޭ ކޮމާޝަލް ހާބަރުގައި ކަމަށް ވެސް ބުނެފައިވެއެވެ.
މި އޮޕަރޭޝަނުގައި ޖެނެރަލް ކާގޯ ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓްއެއް ބަލައި ފާސްކޮށް އެ ޝިޕްމަންޓްގެ ތެރެއިން ގިން އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށް ކަސްޓަމުން ބުނެފައިވެއެވެ. އަދި 6،328 ވޭޕް ކާޓްރިޖް ފެނިގެން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.
މި މަހުގެ މިހާތަނަށް ކަނޑުމަގުން ރާއްޖެއަށް ވަގަށް އެތެރެކުރި 28،600 އަށް ވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފައިވެއެވެ. އެ ގޮތުން މި މަހުގެ 18 ވަނަ ދުވަހު ވެސް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 15،601 ވޭޕް ކާޓްރިޖް އަތުލައިގަނެފައިވެއެވެ.


