ސިވިލް ކޯޓަށް ތިން ގާޒީ އަކު ހޯދުމަށް، އެ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ޖޭއެސްސީން ކުރި އިއުލާނުގައިވާ ގޮތުން އެ ކަމަށް ކުރިމަތިލާން ހުޅުވާލީ އަންނަ މަހުގެ ފުރަތަމަ ދުވަހު މެންދުރު 12 ޖަހާއިރާ ހަމައަށެވެ.
އިއުލާނުގައިވާ ގޮތުގައި ސިވިލް ކޯޓުގެ ގާޒީގެ އަސާސީ މުސާރައަކީ މަހަކު 37،700 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 18،000 ރުފިޔާ، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ އަދި ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1،000 ރުފިޔާ ލިބޭނެ އެވެ. އޭގެ އިތުރުން މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.
ގާޒީ ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ވެފައިވާނަމަ އެވެ. އަދި ފަނޑިޔާރު ކަން، ނުވަތަ ގާނޫނީ ވަކީލުކަން ނުވަތަ އެ ދެ ކަމުގައި ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށެވެ.
ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ މަގާމެއްގައި ހުންނަ މީހަކަށް ގާޒީ ކަމަކަށް ކުރިމަތި ނުލެވޭނެ އެވެ. ސިޔާސީ މަގާމަކަށް އައްޔަންކޮށްފައިވާ މީހަކަށް ވެސް ގާޒީ ކަމަށް ކުރިމަތި ނުލެވޭނެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމަކީ ވެސް ޝަރުތެކެވެ.
އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ވޭތުވެދިޔަ 7 އަހަރު ކުރި މީހަކަށް ވެގެން ވެސް ނުވާނެ އެވެ.


