އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން އެޖެންޑާ 'ބޮޑު ބަދަލު' ހާސިލްކުރުމަށް އެ ކަމާ ގުޅޭ ހާއްސަ އޮފީހެއް ގާއިމުކޮށް އެ ތަނުގެ ހިންގުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފްއާ ހަވާލުކޮށްފި އެވެ.
އެމްޑީޕީން މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ އެ ޕާޓީގެ ސެކްރެޓޭރިއަޓްގައި 'ބޮޑު ބަދަލު' އޮފީހެއް ގާއިމުކުރުމަށް ފާސްކޮށްފަ އެވެ. އެއީ ޗެއާޕާސަންގެ ހައިސިއްޔަތުން ނަޝީދު ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ޖަލްސާ އެވެ.
އެމްޑީޕީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރި ގޮތަށް ބޮޑު ބަދަލު އޮފީސް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ހަސަން ލަތީފް އައްޔަންކޮށްފައިވަނީ އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލް އަކަށް ކަމަށް އިއުލާނުގައިވެ އެވެ.
ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވަން އިއުލާން ކުރެއްވީ, ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރިޔާސީ ކެންޑިޑޭޓަކަށް ކުރިމަތިލާ ގޮތަށް އެ ދެ ބޭފުޅުން ގުޅިގެން އެއް މެނިފެސްޓޯއެއް ހިފައިގެންނެވެ.
އެ ގޮތުން ގާނޫނުއަސާސީއާއި ވެރިކަމުގެ ނިޒާމަށް ގެންނަންވީ ބަދަލުތަކުގެ ކަރުދާހެއް އެ ދުވަހު ނަޝީދާއި ފައްޔާޒު އާންމުކުރެއްްވި އެވެ. އޭގައި ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގެ ސިފަތައް މަސްހުނިކޮށް ރާއްޖެއަށް ފެތޭ ނިޒާމެއް ކަމަށް ވިދާޅުވެފައިވެ އެވެ.
އޭގައި ހިމެނޭ މައިގަނޑު ބަދަލަކީ ބަރުލަމާނީ ނިޒާމުތަކުގައި އޮންނަ ގޮތަށް ދައުލަތުގެ ހިންގުމާއި ސަރުކާރުގެ ހިންގުން ވަކިކޮށް، ދައުލަތަށް ވަކި ވެރިއެއް އަދި ސަރުކާރު ހިންގަން ވަކި ވެރިއެއް އިންތިހާބު ކުރުމެވެ.
ނަމަވެސް ބަރުލަމާނީ ނިޒާމުގައި މަޖިލިސް ތެރެއިން ސަރުކާރު ހިންގާ ވެރިޔާ އިންތިހާބު ކުރަން އޮންނަ އުސޫލާ ޚިލާފަށް މި ކަރުދާހުގައި އޮންނަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ސަރުކާރު ހިންގާ މަތީ ވެރިޔާ އިންތިހާބު ކުރުމެވެ. ދައުލަތް ހިންގާ ވެރިޔާ އިންތިހާބުކުރުމަށް އޮންނަނީ މަޖިލިސް މެންބަރުންނާއި ކައުންސިލަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އެމްޑީޕީގެ ބޮޑު ބަދަލު އޮފީހުން ކުރާނެ މަސައްކަތަކީ މި ބަދަލުތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުމާއި، އިތުރަށް ހިޔާލު ހޯދުމާއި ބަހުސްތައް ހިންގުމަށް ކުރަން ޖެހޭ ކަންކަން ރާވައި އިންތިޒާމުކޮށް ހިންގުމެވެ.


