ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ޒިންމާދާރުކުރުވުމަށާއި އިސްލާމްދީނަށް ހޭލުންތެރިކުރުވުމަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. "އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" މި ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރޭނިން އެންޑް ރިސާޗާއި ޖަމިއްޔަތުއް ސަލަފްގެ އުޔޫން އިންސްޓިޓިއުޓް ގުޅިގެން ހިންގާ ހަރަކާތެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އިސްލާމީ އުސޫލުތަކުގެ ތެރެއިން މުވައްޒަފުންގެ ސުލޫކު ހަރުދަނާކޮށް، ވަޒީފާގެ ޒިންމާއަށް އަހުލުވެރިކުރުވުމެވެ. މީގެ ސަބަބުން މުވައްޒަފުންގެ މެދުގައި މަސައްކަތުގެ އަޚުލާޤު ރަނގަޅުވެ، ކުންފުނީގެ ޚިދުމަތްތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ފެނަކައިން އުންމީދު ކުރެއެވެ.
ކުންފުނީގެ އިސްވެރިން ވިދާޅުވި ގޮތުގައި، މިފަދަ ހަރަކާތެއް ހިންގަން ނިންމީ ބައެއް މުވައްޒަފުން ހާޒިރީ ފުރިހަމަކުރުމަށްފަހު މަސައްކަތްނުކޮށް ގޭގައި ތިބޭކަން ފާހަގަކުރެވިފައިވާތީއެވެ. އެހެންކަމުން، މި ޕްރޮގްރާމުގެ ތެރެއިން ވަޒީފާގެ އަމާނާތްތެރިކަމާއި ޒިންމާދާރުކަމާ ގުޅޭގޮތުން ދީނީ ނަޒަރަކުން މުވައްޒަފުން ހޭލުންތެރިކުރުވުމަށް ވަނީ ރޭވިފައެވެ.
މި ވަގުތު 8,000 އަށްވުރެ ގިނަ މުވައްޒަފުން ތިބި ފެނަކަ ކޯޕަރޭޝަނުން އަންނަނީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ކުންފުނީގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ ވަރަށް މަދުކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ނިޔަލަށް ނިންމުމަށް އެ ކުންފުނިން ވަނީ އަމާޒުހިފާފައެވެ.


