Tuesday, 28 July 2026
ތޮއިބާ މިސްކިތުގެ ބިންގާ ރައީސް މުއިއްޒު އަޅުއްވައި ދެއްވިއިރު އަރިހުގައި ތޮއިބާ އިސްމާއިލް އާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު ލަތީފު.-- ފޮޓޯ: ރައީސް އޮފީސް

އިސްލާމްދީން ކުރިއެރުވުމުގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ޝައިހު އިސްމާއިލް 85 އަހަރުގައި ނިޔާވެއްޖެ

ދިވެހި ރާއްޖޭގައި އިސްލާމީ އިލްމާއި ދައުވަތުގެ މައިދާނުގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ޝައިހު އިސްމާއިލް މުހައްމަދު (ތޮއިބާ ޝައިހު) 85 އަހަރުގެ އުމުރުގައި ރޭ ނިޔާވެއްޖެއެވެ. އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ޝައިހު ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ދ. މީދޫގައި އުފަން، މއ. ފީރޯޒްވާދީގެ ޝައިހު އިސްމާއިލަކީ ދިވެހިންނަށް ދީނީ އިލްމު ފެތުރުމާއި، ތައުލީމު ދިނުމާއި، ދައުވަތުގެ މަސައްކަތުގައި ފާހަގަކުރެވޭ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެ ހިދުމަތްތަކަށް އިހުތިރާމު ކުރުމުގެ ގޮތުގައި ގައުމީ ޝަރަފުގެ އިނާމު ލިބިވަޑައިގެންފައިވާއިރު، އިސްލާމިކް ޔުނިވާސިޓީން ދިން ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ވެސް އޭނާއަށް ލިބިވަޑައިގެންފައިވެއެވެ.

ޝައިހު އިސްމާއިލް އަކީ މަދީނާ ޔުނިވާސިޓީން މަތީ ތައުލީމު ހާސިލުކުރި ފުރަތަމަ ދިވެހި ދަރިވަރުގެ ޝަރަފު ލިބިވަޑައިގެންފައިވާ ބޭފުޅާއެވެ. ތޮއިބާ ސްކޫލް އުފެއްދެވުމާއި ދިވެހި ޒުވާނުންނަށް ޕާކިސްތާނުގެ ޖާމިއާ ސަލަފިއްޔާ އާއި އެހެން ތައުލީމީ މަރުކަޒުތަކުން ދިރާސާ ކުރުމުގެ ފުރުސަތު ހޯދައިދެއްވުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. ޝައިހު މަގުދައްކައި 100 އަށް ވުރެ ގިނަ ދިވެހި ދަރިވަރުން ބޭރުގައި ދީނީ ތައުލީމު ހާސިލުކުރިކަމަށް ބެލެވެއެވެ.

ޝައިހުގެ އެންމެ ފަހުގެ މަޝްރޫއުތަކުގެ ތެރޭގައި ހުޅުމާލޭގައި އަމިއްލަ ހަރަދުން މިސްކިތެއް ބިނާކުރުން ހިމެނޭއިރު، އެ މިސްކިތުގެ ނަން ނިސްބަތް ކުރެވިފައިވަނީ އުންމުލް މުއުމިނީން އާއިޝަތު (ރަޟިއަﷲ އަންހާ) ގެ ނަމަށެވެ. މި މިސްކިތުގެ ބިންގާ އަޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ޝައިހު އިސްމާއިލްގެ ނިޔާވުމާ ގުޅިގެން ރައީސް މުއިއްޒު ހިއްސާކުރެއްވި ތައުޒިޔާގައި، އޭނާ އަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުވުމާއި، ބޭރުގައި ދީނީ ތައުލީމު ހާސިލުކުރުމަށް ދިވެހި ދަރިވަރުންނަށް މަގު ފަހިކޮށްދެއްވި މުހިންމު ބޭފުޅެއް ކަމަށް ފާހަގަކުރެއްވިއެވެ. އަދި ދީނީ ފޮތްތައް ދިވެހިބަހަށް ތަރުޖަމާކޮށް ޝާއިއުކުރެއްވުމުން، ދިވެހި ބަހުގައި ދީނީ އިލްމު ފެތުރުވުމަށް އޭނާ ކުރެއްވި ހިދުމަތް ވެސް ވަރަށް ބޮޑުކަމަށް ރައީސް ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *