ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ވ. ކެޔޮދޫއިން މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ / ސޭންޑީސައިޑް، ފައުޒާން އަޙްމަދު ޙުސައިން (25އ) އެ
ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ދިން މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގަ އެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުންނާއި، ކަސްޓަމްސް ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަންގައި، އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.


